ޑިސަނަޔަކެ އެދިވަޑައިގަތީ ދިވެހި ވިޔަފާރިވެރިން ލަންކާގައި އިންވެސްޓު ކުރަން

Jul 28, 2025, 3:48 PM
ރައީސް ޑިސަނަޔަކެ އަދި ރައީސް މުއިއްޒު: ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރު ކުރަން މަޝްވަރާ ކުރި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑިސަނަޔަކެ އަދި ރައީސް މުއިއްޒު: ދެ ގައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރު ކުރަން މަޝްވަރާ ކުރި -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ވިޔަފާރިވެރިން ސްރީ ލަންކާގައި އިންވެސްޓު ކުރުމަށް އެ ގައުމުގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ މިއަދު އެދިވަޑައިގެންފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މިއަދު ރާއްޖެ ވަޑައިގެން، ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން ޑިސަނަޔަކެ ވިދާޅުވީ، ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އިތުބާރު ކުރެވޭނެ މަންޒިލެއް ކަމަށެވެ.

"ސްރީ ލަންކާއަކީ ދިވެހި ވިޔަފާރިވެރިންނަށް އަބަދުވެސް އިތުބާރު ކުރެވޭނެ މަންޒިލެއް. އައިޓީ، އޭއައި، ފިޝަރީޒް، އެގްރޯ ޕްރޮސެސިން، ފަތުރުވެރިކަން، ރިއަލް އެސްޓޭޓް އަދި އާބަން އިންފްރާސްޓްރަކްޗާގެ ދާއިރާތަކުގައި ދިވެހި ވިޔަފާރިވެރިން އިންވެސްޓު ކުރަން އަޅުގަނޑު ދައުވަތު އަރުވަން،" ޑިސަނަޔަކެ ވިދާޅުވި އެވެ.

ވިޔަފާރިވެރިން ބޭނުންވާ ހުއްދަތަކާއި ލައިސެންސްތައް ހޯދަން ލަންކާއިން ތައާރަފު ކުރި ސިންގަލް ވިންޑޯ ސިސްޓަމްއާ ބެހޭ މައުލޫމާތު ޑިސަނަޔަކެ ވަނީ ރައީސް މުއިއްޒަށް އަރުވައިފަ އެވެ. އަދި ލަންކާގައި އިންވެސްޓު ކުރަން ބޭނުންވާ ވިޔަފާރިވެރިންނަށް މިހާރު ހަމަޖައްސައިދީފައިވާ ލުއިތަކުގެ މައުލޫމާތު ވެސް ޑިސަނަޔަކެ ވަނީ މުއިއްޒަށް ދެއްވައިފަ އެވެ.

ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކުގައި، ތައުލީމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަޝްވަރާ ކުރި އެވެ. ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ލަންކާގައި މިހާރު ވެސް ކިޔަވާތީ، އެކަމާ ގުޅޭ ގޮތުން ވެސް މިއަދު މަޝްވަރާ ކުރި އެވެ.

އޭގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ރައްޔިތުން ދިވެހި އިގްތިސާދަށް ކުރާ ހިއްސާއާ ގުޅޭ ގޮތުން ވާހަކަ ދެ ގައުމުގެ ރައީސުން ވާހަކަ ދެއްކެވި އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށާއި ދެ ގައުމުގެ މެދުގައި ކުރާ ވައިގެ ދަތުރުތައް އިތުރު ކުރަން ވެސް މިއަދު މަޝްވަރާ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox