އީޕީއޭގެ އެންގުމާ ހިލާފަށް ސްޓެލްކޯއިން ޖެނެރޭޓަރުތަކެއް ބެހެއްޓީ ނުރައްކާވާ ގޮތަށް

އީޕީއޭގެ އެންގުމާ ހިލާފަށް ސްޓެލްކޯއިން ޖެނެރޭޓަރުތަކެއް ބެހެއްޓީ ނުރައްކާވާ ގޮތަށް

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންގުމާ ހިލާފަށް ސްޓެލްކޯއިން ހުޅުމާލޭގައި އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓަކާއި އިންވެގެން ހުރި ބިމުގައި ޑީސަލް ޖެނެރޭޓަރުތަކެއް ބޭނުންކޮށްގެން ޕަވަ ޕްލާންޓެއް ހަދައިފި އެވެ.

އެޗްޑީސީން ސްޓެލްކޯއަށް ހަމަޖައްސައިދިން އެ ބިމުގެ އީއައިއޭ ހެދުމަށްފަހު އީޕީއޭއަށް ފޮނުވުމުން އެ އިދާރާއިން ވަނީ ސްޓެލްކޯގެ ޕަވަ ޕްލާންޓެއް އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓެއް ކައިރީ ބެހެއްޓުމުގެ ބަދަލުގައި އެހެން ބިމެއްގައި އެ މަސައްކަތް ކުރިއަށް ގެންދަން އެދިފަ އެވެ.

"ތިމާވެއްޓަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށާއި އިސްވެ ދަންނަވާފައިވާ ނުރައްކާތެރި ހާދިސާތައް ދިމާވުން ކުޑަކުރުމަށްޓަކައި، މިހާރު ތިޔަ ފަރާތުން ޑީސެލް ޖެނެރޭޓަރުތައް ބޭނުންކޮށްގެން ޕަވަ ޕްލާންޓެއް ގާއިމުކުރުމަށް ނިންމަވާފައިވާ ޕްލޮޓަކީ އެކަމަށް އެކަށީގެންވާ ސަރަހައްދު ކަމަށް މި އެޖެންސީން ނުދެކެން،" އީޕީއޭއިން ސްޓެލްކޯއަށް ފޮނުވި ސިޓީގައި ބުންޏެވެ.

އީޕީއޭގެ ކަންބޮޑުވުންތަކާއި ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ސްޓެލްކޯއަށް ކަނޑައެޅި ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދަން ބުނެފަ އެވެ.

ނަމަވެސް ރޯދަ މަހު މާލެ އާއި ހުޅުމާލެއަށް ޕީކުގައި ދޭން ޖެހޭ އިތުރު ކަރަންޓު އުފައްދަން އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓާއި އިންވެގެން އޮތް ބިމުގައި ސްޓެލްކޯގެ ޕަވަ ޕްލާންޓް ވަނީ ގާއިމުކޮށްފަ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އަދަދު އަށް ވިދާޅުވީ މާލޭގައި ޖެނެރޭޓަރުތައް ބަހައްޓާނެ ޖާގައެއް ނެތުމުން، ޖެނެރޭޓަރުތައް ދެން ބެހެއްޓޭނީ ހުޅުމާލޭގައި ކަމަށާއި ކަރަންޓު ފޯރުކޮށްދެވޭނީ ޖެނެރޭޓަރުތައް ބަހައްޓައިގެން ކަމަށެވެ.

"ބިން އޭރުވެސް މައްސަލައެއް ޖެހިފައި އޮތް ކަމަށް އެނގިފައެއް ނުވޭ. އީޕީއޭއިން ހިތްހަމަ ޖެހުނަސް ނުޖެހުނަސް. އަޅުގަނޑަކަށް ނޭގޭ އީޕީއޭގެ ކޮންސާނެއް. ކަރަންޓް ދެވޭނީ އިންޖީނުތައް ބަހައްޓައިގެން. މާލޭގައި އިންޖީނުތައް ބަހައްޓާނެ ޖާގައެއް ނެތް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ އިތުރަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ހުޅުމާލެ ފެން ޕްލާންޓް އޮޕަރޭޓުކުރާ ބިމުގައި ވެސް ޖެނެރޭޓަރެއް ބަހައްޓާފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަންބޮޑުވާން ޖެހޭ ކަމެއް ނުވިސްނޭ ކަމަށެވެ.

މިކަމާ ގުޅިގެން އީޕީއޭއާ އަދަދު އިން ސުވާލުކުރުމުން އެ އެޖެންސީން ބުނީ ނުރައްކާވާ ގޮތަށް ޖެނެރޭޓަރުތައް ބަހައްޓައިގެން ސްޓެލްކޯއިން މަސައްކަތްތައް ކުރަމުންދިޔުމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި އެ ބިމުގައި ޖެނެރޭޓަރުތައް ބަހައްޓަން ހުއްދަ ނުދޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދު އަދަދު އަށް ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ފެން އުފައްދާ ޕްލާންޓް ކައިރީގައި ސްޓެލްކޯގެ ޖެނެރޭޓަރުތަކެއް ބެހެއްޓުމުން، އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިހާރު ހުޅުމާލޭގައި ސްޓެލްކޯއިން ޕަވަ ޕްލާންޓް ހިންގާ ބިމުގައި އެ މަސައްކަތް ކުރާނަމަ ދިމާވެދާނެ ނުރައްކާތައް:

  • ޖެނެރޭޓަރުތަކުން އަރާ ދުމުގެ އަސަރު އެމްޑަބްލިއުއެސްސީގެ ޑިގެސިފައާތަކަށާއި ފެން ރައްކާކުރާ ތާނގީތަކަށް ކުރުމާއި އެކު އެ ސަރަހައްދުގެ ވައިގެ ތެރެއަށް އިތުރުވެގެންދާ ވިހަ ޕާޓިކަލްތަކުގެ މިންވަރު އިތުރުވެ، މި މާއްދާތައް ތާނގީގައި ރައްކާ ކުރެވިފައިވާ ފެނުގެ ތެރެއަށް ގިރި، ފެނާ އެކުވެ، ފެނުގެ ކޮލިޓީ ދަށްވެ، ރެގިއުލޭޓަރީ މިންގަނޑުތަކަށް ނުފެތުން.
  • އެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ބޯހޯލްތަކަށް ޖެނެރޭޓަރުތަކުގެ ވައިބްރޭޝަންގެ އަސަރުކޮށް، ބޯހޯލްތަކުގެ ސެޑިމެންޓޭޝަން ރޭޓް މަތިވެ، ބޯހޯލްތަކުގައި ކުނިޖެހި ފެން އުފައްދަން ބޭނުންވާ ފީޑްވޯޓާގެ މިންވަރު ދަށްވެ ފެނުގެ ހިދުމަތަށް ބުރޫ އެރުން.
  • އަލަށް ބެހެއްޓުމަށް ހަމަޖެހިފައިވާ އާރުއޯ ޕްލާންޓްތަކަށް ބޭނުންވާ ފީޑްވޯޓާ ނެގުމަށް ބޯހޯލް ގާއިމު ކުރުމަށް އެމްޑަބްލިއުއެސްސީއަށް ލިބިފައިވާ ޖާގައަކީ މިހާރުގެ އޮޕަރޭޝަން ސެންޓަރުގެ އުތުރުން އޮތް މަގުކަމަށްވުމާއި އެކު އެ ސަރަހައްދުގައި ޕަވަޕްލާންޓް ގާއިމުކުރުމުން ބޯހޯލް ގާއިމުކުރުމަށް މިހާރު އެމްޑަބްލިއުއެސްސީއަށް ލިބިފައިވާ ސަރަހައްދުގައި ބޯހޯލް ގާއިމު ނުކުރެވި ފީޑްވޯޓާ ނެގުމަށް ދަތިތައް ކުރިމަތިވެ ހިދުމަތަށް ބުރޫ އެރުން.
  • އައު ޑީސަލް ޕަވަޕްލާންޓް ގާއިމުކުރެވެނީ ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ތާޒާ ޕްރޮޑަކްޝަން ޕްލާންޓާއި ޖެހިގެން ކަމަކަށްވުމާއިއެކު އެ ސަރަހައްދުގައި އުފެދޭ ދުމުގެ ސަބަބުން ތާޒާ ޕްރޮޑަކްޝަންއަށް ބުރޫ އެރުން.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox