ފެންވަރު ދައްކާލައި ޕީއެސްޖީން ފުރަތަަމަ ފަަހަރަށް ޔޫރަޕްގެ ރަސްކަމަށް

May 31, 2025, 8:52 PM
ފެންވަރު ދައްކާލައި ޕީއެސްޖީން ފުރަތަަމަ ފަަހަރަށް ޔޫރަޕްގެ ރަސްކަމަށް

މިއުނިކް (ޖޫން 1) - އިންޓަ މިލާން 5-0 އިން ބަލިކޮށް، ފެންވަރު ދައްކާލައި ޕީއެސްޖީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ޔޫރަޕްގެ ރަސްކަމަށް އަރައިފި އެވެ.

މިއީ، ޗެމްޕިއަންސް ލީގުގެ ފައިނަަލެއްގައި ފެނުނު އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.

ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ބޮޑު މުބާރާތުގެ ފައިނަލުގައި ޕީއެސްޖީން އަލަށް ކުޅުނީ މީގެ ފަސް އަހަރު ކުރިންނެެވެ. އެ މެޗުގައި، ބަޔާން މިއުނިކް އަތުން ޕީއެސްޖީ ބަލިވިއިރު، މިރޭ، އެ ތަށި ފުރަތަމަ ފަަހަރު ހޯދީ، ބަޔާންގެ ދަނޑު، އަލިއާންޒް އެރީނާގައި ކުޅުނު ފައިނަލުގައި އިންޓަގެ މައްޗަށް ކުރިހޯދައިގެންނެވެ.

ބަޔާން ބަލިކޮށް، 2010 ވަަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިންޓަ މި ވަނީ ޖެހިޖެހިގެން ދެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެފަ އެވެ. މެންޗެސްޓާ ސިޓީން މީގެ އެއް އަހަރު ކުރިން ވަނީ އިންޓަ ބަލިކޮށް، އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. މީގެ، 13 އަހަރު ކުރިން، ޗެލްސީން ފުރަތަމަ ފަަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ވެސް މިއުނިކުގައި ކުޅުނު ފައިނަލެއްގައި ބަޔާން ބަލިކޮށްފަ އެވެ.

ވަރުގަދަ ފޯމެއްގައި ފައިނަލާ ހަމައަށް ދަތުރުުުކުރި، ޕީއެސްޖީން ވަނީ ފައިނަލް މެޗުގެ ފުރަތަމަ 20 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، މެޗުގެ 12 ވަނަ މިނިޓްގައި، ޕީއެސްޖީން ލީޑުނެގީ އިންޓަ އަށް ކުރިން ކުޅުނު ފުލްބެކް، މޮރޮކޯގެ އަޝްރަފް ހަކީމީ ޖެހި ގޯލުންނެވެ. ހުސްކޮށްލާފައި ޑެސެއާ ޑޫއޭ ދިން ބޯޅަ ހަކީމީ ވަނީ ގޯލަަށް ފޮނުވާލައިފަ އެވެ. ހަކީމީ، މި ގޯލު ޖެހުމަށް ފަހު އުފާފާޅެއް ނުކުރެ އެވެ. އެއީ، އިންޓަ އަށް ކުރިން ކުޅެފައިވާތީ އެވެ.

މިރޭގެ މެޗުގައި ހަކީމީ ގޯލު ޖެހުމަށް ފަހު ޕީއެސްޖީގެ ޑެމްބެލޭއާ އެކު،

އިންޓަ އިން ގިނަ ކުޅުންތެރިންތަކެއް ކުރިިއަށް ފޮނުވައި، އެޓޭކަށް ޖެހި އުޅުނު ވަގުތެއްގައި، ކައުންޓައެޓޭކުގައި ތަނަވަސްވި ފުރުސަތަކުން މެޗުގެ 20 ވަަނަ މިނިޓްގައި ޕީއެސްޖީން ދެ ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ޖެހީ، އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ޑޫއޭ އެވެ. ޑޫއޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އިންޓަގެ ފުލްބެކް، ފެޑެރީކޯ ޑި މާކޯ ފައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.

ފުރަތަމަ ހާފުގައި އިންޓަގެ ރަނގަޅު ދެ އެޓޭކް ވެސް ފެނުނީ ކޯނަރުގަ އެވެ. އެ ގޮތުން، ތަޖުރިބާކާރު ޑިފެންޑަރު، ފްރެންޗެސްކޯ އަޗޭބީ އާއި މާކަސް ތުރާމް، ބޮލުން ފޮނުވާލި ބޯޅަތައް ގޯލާ ސީދާ ވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފު ފަށައިގެން އިންޓަ އިން ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، ޕީއެސްޖީން ކައުންޓާގައި ހޯދި ދެ ފުރުސަތެއްގައި ޑެމްބެލޭ އާއި ކްވިޗާ ކްރަވަޝްކޭލިއާ ފޮނުވާލި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ޑޫއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

ޕީއެސްޖީން ތިން ވަަނަ ގޯލު ޖެހީ، 63 ވަނަ މިނިޓްގައި ޑޫއޭ އެވެ. މިއީ، އިންޓަގެ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް، ހުސްކޮށްލާފައި ވިޓީނިއާ ދިން ބޯޅައަކުން ޑޫއޭ ޖެހި ގޯލެކެވެ. ނަވާރަ އަހަރުގެ ޑޫއޭ އަކީ ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ދެ ލަނޑު ޖަހައި، ގޯލެއް ޖަހަން ފުރުސަތު ހޯދައިދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ.

އިންޓަ ޑިފެންސް ފަހަތުން ލިބުނު ޖާގައަކުން، މެޗުގެ 73 ވަަނަ މިނިޓްގައި، ކްވިޗާ ކްވްރަޝްކޭލިއާ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. ޖެނުއަރީ މަހު، ނަޕޯލީ ދޫކޮށް ބޮޑު އަގުގައި ޕީއެސްޖީ އަށް ބަދަލުވެ، ކްވަރަޝްކޭލިއާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަޕޯލީން އިޓާލިއަން ލީގު ކާމިޔާބުކުރިއިރާއި ޕީއެސްޖީން ފްރެންޗް ލީގު ކާމިޔާބުކުރިއިރު، ކްވަރަޝްކޭލިއާ އަށް ދެ މުބާރާތުގެ ވެސް ރަން މެޑަލް ލިބިފައިވެ އެވެ.

އަދި، ބަދަލަކަށް ކުޅެން އަރައި، މިދިޔަ މަހު 19 އަހަރު ފުރުނު ސެނީ މަޔޫލޫ ވަނީ ޕީއެސްޖީގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި، ޕީއެސްޖީގެ އޭރިއާތެރެއިން އިންޓަގެ ތުރާމް ޖެހި ޝޮޓެއް، ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ.

ޕީއެސްޖީން މި ވަނީ މި ސީޒަނުގައި ހަތަރު ތަށި ހޯދައިފަ އެވެ. އެއީ، ޗެމްޕިއަންސް ލީގުގެ އިތުރުން، ފްރެންޗް ލީގާއި ފްރެންޗް ކަޕް އަދި ފްރެންޗް ސުޕަ ކަޕް އެވެ. މިއީ، ސްޕެއިނުގެ ކޯޗު ލުއިސް އެންރިކޭ، ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ. އޭނާ ވަނީ މީގެ 10 އަހަރު ކުރިން ބާސެލޯނާގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox