ރިޔާދު، ސައުދީ އަރަބިއްޔާ (މެއި 28) - ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް އަލް ނަސްރު ދޫކޮށްލާނެކަން ޔަގީންވެފައިވާއިރު، އޭނާ ދެން ގުޅޭނެ ކްލަބެއްގެ ވާހަކަ މީޑިއާގައި ބަހުސަކަށްވެއްޖެ އެވެ.
ރޮނާލްޑޯ، 40، މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު، އަލް ނަސްރަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު 200 މިލިއަން ޑޮލަރު ލިބޭ ޑީލެއްގަ އެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އަލް ނަސްރުން އާ ޑީލެއްގެ މަޝްވަރާތައް ހުއްޓާލުމުން، ރޮނާލްޑޯ ވަނީ، އަލް ނަސްރުގެ ޗެޕްޓަރު ކެރިއަރުގައި ނިމުނު ކަމަށް ދޭހަވާ ސޯޝަލް މީޑިއާ ޕޯސްޓެއް ޖަހައިފަ އެވެ.
ސޯޝަލް މީޑިއާ ތަރި، އައި ޝޯ ސްޕީޑްގެ "ޕޮޑްކާސްޓު"ގައި ވާހަކަ ދައްކަވަމުން، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ، ރޮނާލްޑޯ، ކްލަބް ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި، ރޮނާލްޑޯ އަންނަނީ މިހާރު ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރަމުން ކަމަށް ވެސް އިންފަންޓީނޯ ފާހަގަކުރެއްވި އެވެ.
ރޮނާލްޑޯ، މިހާރު ކުޅެމުން އަންނަ އަލް ނަސްރު ޓީމު ކްލަބް ވޯލްޑް ކަޕު ނުކުޅުނު ނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް އިއްތިހާދުން މި މުބާރާތުގައި ކުޅޭނެ އެވެ. ރޮނާލްޑޯ އަށް އަލް އިއްތިހާދުގެ އޮފާއެއް ނެތް ކަމުގައި ވިޔަސް، އޭނާ ގެންދަން، އަލް ހިލާލުން ވިސްނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕާ ދިމާކޮށް ޓީމު ބަދަލުކުރަން ބޭނުންވާ ކުުޅުންތެރިންނަށް އެ ފުރުސަތު އެބައޮތެވެ. އެއީ، އަންނަ މަހު 1-10 އަށް ޓްރާންސް ޕީރިއަޑެއް އޮތުމުންނެވެ.
ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ ޓީމެއް ކަމަށްވާ ބޮޓަފޯގޯ އިން ރޮނާލްޑޯ ގެންދަން ވާހަކަ ދައްކާ ކަމަށް ރިޕޯޓްތައް ބުނާއިރު، ކްލަބް ވޯލްޑް ކަޕްގައި ކުޅޭ، މޮރޮކޯގެ ކްލަބެއް ކަމަށްވާ ވައިދާދް އޭސީން ވެސް ރޮނާލްޑޯ އަށް ހުށަހެޅުމެއް އެބައޮތެވެ.
ޔޫރަޕްގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ކްލަބް ވޯލްޑް ކަޕް ކުޅެން ކުރު ކޮންޓްރެކްޓެއްގައި ރޮނާލްޑޯ، ކުރީގެ ކްލަބް ރެއާލް މެޑްރިޑާ ގުޅޭ އަޑުތަކެއް ފެތުރިފައިވާއިރު، އެކަމުގެ އިތުބާރު ހިފޭ ރިޕޯޓެއް ނެތެެވެ. ރޮނާލްޑޯގެ ކެރިއަރުގެ އެންމެ ވިދުންގަދަ ދުވަސްވަރު ކުޅުނު މެންޗެސްޓާ ޔުނައިޓެޑާއި ރޮނާލްޑޯއާ ގުޅުވައިގެން ދެކެވޭ ވާހަކައިގައި ބުރަދަނެއް ނެތް ކަމަށްް ރިޕޯޓްތައް ބުނަނީ، ޔުނައިޓެޑްގެ އަޑިއަޅާލައިފައި އޮތް މާލީ ހާލަތެވެ.












