މެންޗެސްޓާ (މެއި 27) - މެންޗެސްޓާ ސިޓީން އޭސީ މިލާނަށް ކުޅޭ ނެދަލެންޑްސްގެ މިޑްފީލްޑަރު، ޓިޖާނީ ރައިންޑާސް އަށް ބިޑެއް ކުރަން ތައްޔާރުވަމުން އަންނައިރު، އޭނާގެ ޗުއްޓީ ދަތުރު ކެންސަލްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސިޓީން، ރައިންޑާސް، 26 ގަންނަން މަސައްކަތް ފެށީ އެ ޓީމުން ބަޔާ ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް ގެންނަން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުމުންނެވެ. ދިހަ އަހަރަށް ފަހު، ސިޓީ ދޫކޮށްލި ކެވިން ޑި ބްރޭނާގެ މަގާމަށް ސިޓީން ފުރަތަމަ ގެންނަން ނިންމި ވާޓްޒްގެ އަގު 150 މިލިއަން ޑޮލަރަށް އަރާނެތީވެ، ސިޓީން އެ ޑީލުން ބޭރުވީ އެވެ. އޭގެ ފަހުން، ސިޓީން މަސައްކަތް ފެށީ ރައިންޑާސްގެ ސޮއި ހޯދާށެވެ.
އެ ގޮތުން، ރައިންޑާސް ގަންނަން ސިޓީން 60 މިލިއަން ޑޮލަރުގެ ބިޑެއް ކުރަން ތައްޔާރުވަމުން އަންނައިރު، އެޑްއޮންސްއާ އެކު، އެ ބިޑް 70 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.
ސިޓީން ރައިންޑާސް ގަންނަން ނިންމަނީ ކްލަބް ވޯލްޑް ކަޕްގެ ކުރިންނެވެ. ރިޕޯޓްތައް ބުނާގޮތުން، ރައިންޑާސް ވަނީ ޖުލައި މަހުގެ ކުރީކޮޅުގައި، ސްޕެއިނުގެ އިބީޒާ އަށް ދާން ނިންމާފައި އޮތް ޗުއްޓީ ދަތުރުގެ ރިޒަވޭޝަން ކެންސަލްކޮށްފަ އެވެ. އެއީ، ސިޓީ އަށް ބަދަލުވެ، އެ ޓީމާ އެކު، ކްލަބް ވޯލްޑް ކަޕްގައި ކުޅުމަށެވެ.
މީގެ ދެ އަހަރު ކުރިން، މިލާނުން ރައިންޑާސްގެ ސޮއި ހޯދީ އޭޒެޑް އަލްކްމާރަށް 23 މިލިއަން ޑޮލަރު ދައްކާފައި ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެެވެ. ރައިންޑާސްގެ ކޮންޓްރެކްޓް އުވާލާނެ ފީއެއް ސީދާ ހިމަނާފައިނުވާތީވެ، މިލާނުން ސިޓީއާ އެކު، މި ޑީލް ކުރިއަށްގެންދަން ބޮޑު އަގެއް ކިޔާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












