އެކައުންޓުތަކުން ފައިސާ މަދުވެގެން ބީއެމްއެލް އާމެދު ހިތްހަމަނުޖެހުން ބޮޑުވެއްޖެ

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

ބޭންކު އޮފް މޯލްޑިވްސްގެ ބައެއް ކަސްޓަމަރުންގެ އެކައުންޓުން ފައިސާ މަދުވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށް އަޑުއުފުލާން ފަށައިފި އެވެ.

އިއްޔެއިން ފެށިގެން ބައެއް ކަސްޓަމަރުން ދަނީ ބީއެމްއެލްއާމެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ޑަބަލްކޮށް ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ބައެއް ކަސްޓަމަރުން ބުނެފައި ވާއިރު، އެކައުންޓު ބެލެންސް ހުލިވެފައިވާ ކަމާއި، ނުކުރާ މުއާމަލާތްތަކަށް ފައިސާ އުނިކޮށްފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ.

މުހައްމަދު ޒަމީރު ކިޔާ މީހަކު އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ "ވަރަށް ބޮޑުކޮށް ކޮންމެ ޓްރާންސެކްޝަނެއް ދެ ފަހަރު އެކައުންޓުން ކަނޑާފައި އެބަހުރި،" ކަމަށެވެ.

"މިވަރު ވީމަ ވަރަށް ގޯސްވީމި."

އެހެން ކަސްޓަމަރު ބުނެފައި ވަނީ އޭނާގެ އެކައުންޓުން 1800ރ. އުނިފައިވާ ކަމަށާއި، މީގެ ކުރިން ވެސް މިގޮތަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ.

"މިއީ އަހަރެމެން ބުރަ މަސައްކަތްކޮށްގެން ހޯދާ ފައިސާ،"

"ބޭންކް އޮފް މޯލްޑިވްސްއިން ދިވެހިން ފެލުމުގައި އަވަދި ނެތި،" ކަމަށް އަހުމަދު ސައީދު ޕޯސްޓުކުރީ، 222 އެމެރިކާ ޑޮލަރު އުނިވެފައިވާކަމުގެ ސްކްރީން ފޮޓޯއަކާއެކު އެވެ.

މުހައްމަދު ޒައިދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެކައުންޓުން އިތުރަށް 2000 އަށް ވުރެ ގިނަ ރުފިޔާ ކަނޑާލައިފި ކަމަށެވެ.

އެ މައްސަލައިގައި ބީއެމްއެލްއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް ކޯލް ސެންޓަރަށް ނުގުޅޭ ކަމަށް އޭނާ ބުނެފައިވެ އެވެ.

"މިވަރުން ވެސް ރައްޔިތުންގެ ބޭންކު،" އޭނާ ބުނެފައިވެ އެވެ.

މި މައްސަލަތައް ދިމާވެގެން ބީއެމްއެލްއާ މުއާމަލާތް ކުރަން މަސައްކަތް ކުރި ނަމަވެސް، ކޯލް ސެންޓަރުން އަދި އޭއައި ބޮޓު (އާޔާ) ގެ އިތުރުން މޯބައިލް އެޕުން މެސެޖުކޮށްގެން ވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށް ބައެެއް މީހުން ބުނެ އެވެ.

ސޯޝަލް މީޑިއާއަށް ހިތްހަމަ ނުޖެހުން ބަންޑުންކޮށްލަން ޖެހުނީ އެހެެންވެ ކަމަށް އެ މީހުން ބުނެ އެވެ.

އެކައުންޓުން ފައިސާ މަދުވި ސަބަބު އޮޅުން ފިލުވައި ދޭންޖެހޭނެ ކަމަށް ބުނެ ކަސްޓަމަރަކު އެކްސްގައި ކުރި ޕޯސްޓަކަށް ބީއެމްއެލްއިން ދިން ޖަވާބުގައި ބުނެފައި ވަނީ ކުރިމަތިވި މައްސަލަ ފާހަގަ ކުރެވި، ވަގުތުން ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ.

އެއް މޭރުމަކުން ކޮންމެ ކަސްޓަމަރަކަށް ވެސް ބީއެމްއެލްއިން ދެމުންދާ ޖަވާބުގައި ބުނެފައި ވަނީ ސެޓްލްކުރެވިފައިވާ ޓްރާންސެކްޝަންތަކެއް ވެސް ޕެންޑިންގެ ގޮތުގައި އެބަ ހުރި ކަމަށާއި، އެހެންވެ، އެކައުންޓު ބެލެންސް މަދުކަމަށް ފެންނާނެ ކަމަށެވެ.

މި މައްސަލަ ހައްލުކުރާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox