ފައިސާ ޗާޕު ކުރާތީ ޝަމްހީދު ހުށަހެޅި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި

Apr 7, 2025, 8:31 AM
ރައްޔިތުންގެ މަޖިލިސް: ވެރިކަން ހިންގާ ޕީއެންސީގެ ބައެއް މެންބަރުން ބުނީ އެ ބިލު ހުށަހެޅުމަކީ ގައުމަށް ގައްދާރުވުން ކަމަށް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: ވެރިކަން ހިންގާ ޕީއެންސީގެ ބައެއް މެންބަރުން ބުނީ އެ ބިލު ހުށަހެޅުމަކީ ގައުމަށް ގައްދާރުވުން ކަމަށް -- ފޮޓޯ: މަޖިލިސް

ގާތްގަނޑަކަށް 15 ބިލިއަނެއްހާ ރުފިޔާ ޗާޕު ކުރަން ސަރުކާރުން ނިންމާފައިވާ މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ޝަމްހީދު ހުށަހެޅި ގަރާރު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ޝަމްހީދު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ހުޅުމާލެއިން ބިން ގަތުމުގެ ނަމުގައި ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ. ގަރާރުގައި އެދިފައި ވަނީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ހޯދުމަށެވެ.

އެ ގަރާރު ބޭރުކޮށްލީ 46 ވޯޓާއެކު އެވެ. ގަރާރު ބަލައިނުގަތުމަށް ވޯޓު ދެއްވީ ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ. ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރުންނެވެ.

އެ ގަރާރު ހުށަހެޅުއްވުމަށްފަހު މިއަދު ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ ފައިސާ ޗާޕު ކުރަން ނިންމީ "ގަވަރުނަރު ހިތުހުރި ގޮތަކަށް" ކަމަށެވެ.

"އިހަށްދުވަހު އަޅުގަނޑު ބޮޑު މިކުރީ 2.5 ޕަސަންޓަށް ކުރީމަ އަޅުގަނޑުމެންނަށް ހަގީގަތުގައި ޕްރިންޓް ކުރަން މި ލިބެނީ 800 ނުވަތަ 900 މިލިއަން ރުފިޔާވަރު. އިހަށްދުވަހު މި މަޖިލީހުން ނިންމީ. އެކަމަކު އަޅުގަނޑުމެން މިދަނީ އެމްއެމްއޭ ގަވަރުނަރަށް ހިތުހުރި ގޮތަކަށް ޕްރިންޓްކުރަން. އަޅުގަނޑަކަށް ހީއެއް ނުވޭ ގާނޫނުގެ މި ބުނާ މާއްދާގެ ބޭނުމެއް ދެން އޮތްހެނެއް،" އޭނާ ވިދާޅުވި އެވެ.

އެ ގަރާރަށް މިއަދު ވާހަކަ ދެއްކި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ހުޅުމާލެއިން ބިން ގަތުމުގެ ނަމުގައި ސަރުކާރުން ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެއީ ގައިރު ގާނޫނީ އަމަލެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އެ މޭރުމުން ވާޙަކަ ދެއްކެވި އެއް ބޭފުޅަކީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

"ބިން ގަންނަނީ ފައިސާ ޗާޕު ކުރުން އުޒުރަކަށް ހަދައިގެން އިއްޒަތްރެރި ރައީސް. މިއީ އިގްތިސާދުގެ ހަމަޖެހުން ނަގާލައި އިގްތިސާދަށް އިއާދަ ނުކުރެވޭ ދާއިމީ ގެއްލުމެއް ދޭނެ ގައިރު ޒިންމާދާރު އަމަލެއް ކަމަށް އަޅުގަނޑުމެން މި ދަންނަވަނީ،" މައުރޫފް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ ރައީސް [މުހައްމަދު] މުއިއްޒުގެ ސިޔާސީ ކުޅިއަކަށް އެމްއެމްއޭ ހައްދަވާތީ."

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ ފައިސާ ޗާޕު ކުރާ ހިސާބަށް ކަންތައް ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭން ފެއިލްވެގެން ކަމަށެވެ. އެކަމަކު ބިން ގަތުމުގެ ނަމުގައި ފައިސާ ޗާޕު ކުރުން ގާނޫނާ ހިލާފު ކަމަށް ކުޑޫ ވިދާޅުވި އެވެ.

"އެމްއެމްއޭއަކީ މާލީ އިދާރާއެއް. މާލީ އިދާރާތަކުން ފައިސާ ހޯދަނީ މާލީ މުދަލާއި މުއާމަލާތްތަކުން. ފައިސާ ޗާޕުކޮށްގެން އެމްއެމްއޭއަށް މުދާ ގަތުން މިއީ ގާނޫނާ ހިލާފު ކަމެއް. މި ހާލަތަށް މިކަން މި ދިޔައީ ސަރުކާރުގެ ފައިނޭންޝަލް ޕްލޭން ފައިލްވެގެން،" ކުޑޫ ވިދާޅުވި އެވެ. "މި މުއާމަލާތުގެ އިގްތިސާދީ ނަތީޖާއަކަށްވާނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވުން، ދިވެހި ރުފިޔާގެ އަގު ދަށްވެ، ޑޮލަރުގެ އަގު މައްޗަށް ދިޔުން، އިގްތިސާދީ ހަމަޖެހުން ގެއްލި އިގްތިސާދު ފުނޑުފުނޑުވުން."

އެ މައުލޫއަށް ވާހަކަ ދައްކަވަމުން ހަނީމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެފި ނަމަ ޑޮލަރުގެ އަގު 30ރ. އާ ގާތް ކުރާނެ ކަމަށެވެ. އަދި މަރުކަޒީ ބޭންކަށް އޮތް އިތުބާރު ވެސް އެއިރުން ގެއްލޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ފައިސާ ޗާޕު ކުރީމާ ސެންޓްރަލް ބޭންކާ ދޭތެރޭ ރައްޔިތުންނަށް އޮތް އިތުބާރު އެއްކޮށް ގެއްލިގެންދާނެ އިއްޒަތްތެރި ރައީސް. މިއަދު 19 ރުފިޔާއިން މަތީގައި ޑޮލަރުގެ އަގު ހުރިއިރު، މި ފައިސާ ޗާޕުކޮށްގެން ބާޒާރަށް ނެރެފި ނަމަ ޑޮލަރު ގޮސް ހުއްޓޭނީ 25 ރުފިޔާ އާއި 30 ރުފިޔާއާ ދޭތެރޭގައި،" ގަފޫރު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ހިންގާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ "ދޮގު ވާހަކަތަކެއް" ހިމަނައިގެން ކަމަށެވެ. އަދި ބަހުސްގައި ބައިވެރިވި ގިނަ މެންބަރުން އަނެއްކާ ވެސް ދެއްކެވީ މިދިޔަ ސަރުކާރުގެ ވާހަކަ އެވެ.

އެ ގަރާރަށް ވާހަކަ ދައްކަވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ ތުންތުންމަތިން ދެކެވޭ ވާހަކަތަކަކަށް ބިނާކޮށް ކަމަށެވެ.

"ތުންތުންމަތިން ދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް މިފަދަ ދޮގު ގަރާރުތައް ހުށަހެޅުމަކީ އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫން،" މުސްތަފާ ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން ކުރިން އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ގޮވައިލެއްވީ އިދިކޮޅު ޕާޓީއިން ޒިންމާދާރުކޮށް މަސައްކަތް ކުރުމަށެވެ.

"އަޅުގަނޑު ހަމަ އެމްޑީޕީގެ މެންބަރުންނަށް ދަންނަވާލަން ތިބޭފުޅުން ތަންކޮޅެއް ޒިންމާދާރުކޮށް މި މަޖިލީހުގައި މަސައްކަތް ކޮށްދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީއަށް ނިސްބަތްާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ ގަރާރު ހުށަހެޅުމަކީ "ގައުމަށް ގައްދާރުވުން" ކަމަށެވެ.

"މިތަނަސް މިކަހަލަ ގަރާރުތައް ވައްދައިގެން އެހެން މީހުންގެ ބޮލުގައި ރޯބުހުތާނު ދޮގު އެޅުވުމަކީ ވެސް މިއީ ގައްދާރުވުން ގައުމަށް،" ދީދީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox