ގދ. ތިނަދޫ އެއާޕޯޓު އަޅަން ހަވާލު ކުރި ތައިލެންޑުގެ ފޭކު އިންވެސްޓަރު ކާޑެއްދޫއަށް ގޮސް އެރަށުގައި ހިންގާ އެއާޕޯޓު އިންސްޕެކްޓުކޮށްފި އެވެ.
ޕޭން ޕެސިފިކްގެ ނަމުގައި ވިޔަފާރި ސްކޭމްތަކެއް ހިންގަމުން އަންނަ ކުންފުންޏާ ތިނަދޫ އެއާޕޯޓުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ފެބްރުއަރީ، 2024، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއާޕޯޓުގެ އެންމެ މަސައްކަތެއް ވެސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
އެކަމަކު ޕޭން ޕެސިފިކުގެ ޖިރާތު ޕެތުނުންތަވޮންގު މިހާރު އަނެއްކާ އުޅެނީ ރާއްޖެ އައިސްގެންނެވެ. އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ކާޑެއްދޫއަށް ގޮސް އެތަނުގައި ހިންގާ އެއާޕޯޓު ބަލައިފަ އެވެ. އެކަން ކުރުމުގެ ސީދާ މަގްސަދެއް އަދި ސާފެއް ނުވެ އެވެ.
މި ނޫހުން ކުރި ތަހުގީގުން އެނގުނު ގޮތުން 600 މިލިއަން ޑޮލަރުގެ ތިނަދޫ އެއާޕޯޓު މަޝްރޫއު ހިންގަން ހަވާލުކުރީ، އަމަލީ ގޮތުން ވިޔަފާރިއެއް ނުކުރާ، އަދި އަމުދުން އެވަރުގެ ބިޔަ ޕްރޮޖެކްޓެއް ހިންގާފައިވާ ކުންފުންޏަކާ ނޫނެވެ. އެއީ އަންނައުނު ވިއްކާ ތައިލޭންޑްގެ ޕޭޕަރު ކުންފުންޏެކެވެ.
އެކަމަކު، ޖިރާތު ކާޑެއްދޫއަށް މި ދިޔައީ، ތިނަދޫގައި އެއާޕޯޓު އަޅަން ނިންމުމުން، ކާޑެއްދޫ ތަރައްގީ ކުރަން ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އެއާޕޯޓާ ހަވާލު ހުންނެވި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ބުނެފައި އޮއްވަ އެވެ.

ތިނަދޫ އޮންނަނީ ކާޑެއްދޫއާ އެންމެ ތިން ކިލޯމީޓަރު ދުރުގަ އެވެ. ގާސިމް ވިދާޅުވެފައި ވަނީ، ތިނަދޫ އެއާޕޯޓު އިއުލާނު ކުރުމުން ކާޑެއްދޫއަށް އިންވެސްޓު ކުރުމުގެ ޝައުގުވެރިކަން ގެއްލިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ފެބްރުއަރީ، 2025، ގައި ވާހަކަ ދައްކަވަމުން ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވީ، ތިނަދޫ އަދި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓުތަކެއް އަޅަން ސަރުކާރުން ނިންމުމުން ބޭރު އިންވެސްޓަރުންގެ ކުރިމަތީގައި ވިލާގެ އަގު ވެއްޓުނު ކަމަށެވެ.
"އަޅުގަނޑުމެން ގެނައިން ސެންޓަލައިން މީހުން. އެމީހުން އައިސް އެމީހުން ސާވޭކުރި 2022 ގެ ޖޫން ގަ. އަޅުގަނޑުމެން ގެނައިން އޭޑީއޭސީ ވެސް. ދެ ޕާޓީއާ އެއްކޮށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނިކޮށް ވަކި ހިސާބަކުން އެމްއޯޔޫގަ ސޮއިކޮށް އެނައުންސްމަންޓެއް އައިމަ އިންވެސްޓަރުގެ ކޮންފިޑެންސް ފުދޭވަރަކަށް ގެއްލުނު،" ނާޝިދު ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓު ވިލާ އެއާ އާ ހަވާލުކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. ސަރުކާރުން ވިލާ އެއާ އާއެކު އެ އެއާޕޯޓު އޮޕަރޭޓްކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލީ ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކާ ހިލާފްވެގެންކަމަށް ބުނެ ޖުލައި 18، 2017، ވަނަ ދުވަހު އެވެ.
ނަމަވެސް، ވިލާއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މެއި 10، 2021 ގައި އެ ކޯޓުން ހުކުމްކުރީ ކާޑެއްދޫ އެއާޕޯޓުގެ އެއްބަސްވުން ސަރުކާރުން އުވާލާފައިވަނީ ބާތިލް އިޖުރާއަތެއްގެ މަތިން ކަމަށެވެ. ކޯޓު ހުކުމާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓު އަލުން ވިލާއާ ހަވާލުކޮށް ސޮއިކުރީ މާޗު 1، 2022، ގަ އެވެ.
ތިނަދޫގެ އުތުރަށް އޮތް ފަސް ކިލޯ މީޓަރުގެ ފަޅު ހިއްކައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާއިރު 10 މިނެޓަށް ވުރެ ކައިރީގައި އޮތް ކާޑެއްދޫ އެއާޕޯޓާއި ތިނަދޫ ގުޅާލަން ވެސް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.












