ރަށްރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޓޫރިޒަމްގެ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލަށް ބަދަލެއް ނުގެނެސް ސަރުކާރުގެ ފަރާތުން ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މި ބިލު ތަސްދީގުކުރެއްވީ، މިއަދު މެންދުރުފަހު ކަމަށެވެ.
ސަރުކާރުން ބޭނުން ވެގެން ޓޫރިޒަމް ގާނޫނު ބަދަލުކުރަން ހުށަހެޅި މައިގަނޑު ސަބަބެއްގެ ގޮތުގައި ބިލުގައި އޮތީ ސަރުކާރުން ހިންގާ މަޝްރޫއުތަކާ ގުޅިގެން، ކްރޮސް ސަބްސިޑީގެ އުސޫލުން ރަށްރަށާއި، ފަޅުފަޅާއި އަދި ބިންތައް ދޫކުރެވޭ ގޮތް އިތުރަށް ފަސޭހަ ކުރުމެވެ. މި ބިލު ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
މިއަދުގެ ޖަލްސާގައި ބިލު ފާސްކުރުމުގެ ކުރިން އިދިކޮޅު އެމްޑީޕީން އިސްލާހެއް ހުށަހެޅި އެވެ. ނަމަވެސް އެ އިސްލާހު ޕީއެންސީގެ މަޖިލިސް މެންބަރުން ވަނީ ބޭރުކޮށްލާފަ އެވެ.
ސަރުކާރުން ފޮނުވި ގޮތަށް ޓޫރިޒަމް ގާނޫނު ބަދަލުކުރަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ ތާއީދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓުދެއްވީ އެމްޑީޕީގެ ހަތް މެންބަރެކެވެ.

އެ ބިލުގައި ހިމެނޭ އެހެން ކަންތައްތަކުގެ ތެރޭގައި ކުލީގެ މުއްދަތު އިތުރުކުރަން އިންވެސްޓަރުންނަށް ތަފާތު އޮޕްޝަންތަކެއް ދިނުން ވެސް ހިމެނެ އެވެ. އެ ގޮތުން ކުލި މުއްދަތު އިތުރުކޮށްދެނީ ބިލު ފާސްވެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަހުގެ ތެރޭގައި ފައިސާ ދައްކާ ނަމަ:
- އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު
- 49 އަހަރު އިތުރުކުރަން ފަސް މިލިއަން ޑޮލަރު
- 20 އަަހަރު އިތުރުކުރަން 2.5 މިލިއަން ޑޮލަރު
- 25 އަހަރު އިތުރުކުރަން ތިން މިލިއަން ޑޮލަރު
ބިލަށް އަމަލުކުރާތާ ހަ މަސް ފަހުން ކުލި މުއްދަތު އިތުރުކުރާ ނަމަ އިތުރުކުރާ ކޮންމެ އަހަރަކަަށް ދެ ލައްކަ ޑޮލަރު އަދި އެކީ އެއް ފަހަރާ ފައިސާ ދައްކާ ނަމަ 15 މިލިއަން ޑޮލަރު ދައްކައިގެން 49 އަހަރަށް ކުލި އިތުރުކުރެވެ އެވެ.
ޓޫރިޒަމް ގާނޫނުގައި ބަދަލުކުރަން ހުށަހަޅާފައިވާ އެހެން ބައެއް ކަންތައްތަކާ މެދު ވިޔަފާރިތަކާއި އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.












