އަށާރަ ރަށެއްގެ ސްކޫލުގައި ނުނިމިހުރި މަސައްކަތް ނިންމުމަށް ސަރުކާރުގެ ތިން ކުންފުންޏަކާ އެޑިއުކޭޝަން މިނިސްޓަރީން 83 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން 18 ރަށެއްގެ ސްކޫލުގައި ނުނިމި ހުރި މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިތުރުން ފެނަކަ ކޯޕަރޭޝަނާ އެވެ.
އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު "އަދަދު" އަށް ވިދާޅުވީ އެ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރީ ގިނަ ދުވަސްތަކެއް ވަންދެން ނުނިމި ދިގުލައިގެން ގޮސްފައިވާތީ، އެ އެއްބަސްވުންތައް ބާތިލު ކުރުމަށް ފަހު ކަމަށެވެ.
"އެއީ ކުރީގެ ސަރުކާރުގައި އެކި އެކި ކުންފުނިތަކާ ހަވާލުކޮށްގެން އެއްވެސް ގޮތަކަށް ކުރިއަށް ނުދާ ޕްރޮޖެކްޓްތައް. އާ ޕްރޮޖެކްޓްތަކެއް ނޫން އެއީކީ. ވާހަކަ ދައްކައިގެން އެއްވެސް ގޮތަކަށް ކުރިއަށް ނުދާ ޕްރޮޖެކްޓްތައް އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަނުން ފެނަކައާ ހަވާލުކުރީ ތ. ވޭމަންޑޫ، ގއ. ކަނޑުހުޅުދޫ، ހދ. ވައިކަރަދޫ، ތ. އޮމަދޫ، ލ. ކުނަހަންދޫ، ށ. ފީވަށް، ށ. ގޮއިދޫ، ފ. ބިލެއްދޫ، ގއ. ކޮނޑޭ، ބ. ގޮއިދޫ އަދި ބ. ފުޅަދޫގެ ސްކޫލެެވެ.

އެމްޓީސީސީއާ ހއ. އުލިގަން، ރ. އުނގޫފާރު، ކ. މާފުށި، ވ. ފެލިދޫ ސްކޫލުގެ މަސައްކަތް ކަމަށްވާއިރު، އާރްޑީސީއާ ހަވާލުކުރީ ހއ. ފިއްލަދޫ އަދި ރ. ހުޅުދުއްފާރު ސްކޫލުގެ މަސައްކަތެވެ.
ހަވާލުކުރި މަސައްކަތްތައް:
- ގއ. ކަނޑުހުޅުދޫ - ސްކޫލް ބިލްޑިން (މަލްޓި ޕާޕަސް ހޯލް) އިމާރާތްކުރުން.
- ހދ. ވައިކަރަދޫ - ސްކޫލުގެ 12 ކްލާސްރޫމް އިމާރާތްކުރުން.
- ތ. ވޭމަންޑޫ - މަލްޓި ޕާޕަސް ހޯލް އިމާރާތްކުރުން.
- ށ. ފީވަށް - ސްކޫލް ބިލްޑިން (މަލްޓި ޕާޕަސް ހޯލް އަދި ފަށާފާރު) އިމާރާތްކުރުން.
- ތ. އޮމަދޫ - ސްކޫލް ތިން ބުރީގެ އިމާރާތް އަދި ވަށާފާރު އިމާރާތްކުރުން.
- ލ. ކުނަހަންދޫ - ސްކޫލުގެ ހަތަރު ކްލާސްރޫމް އިމާރާތްކުރުން.
- ބ. ފުޅަދޫ - ސްކޫލް ބިލްޑިން (އޮފީސް) އިމާރާތްކުރުން.
- ށ. ގޮއިދޫ - ސްކޫލުގެ އަށް ކްލާސްރޫމް އިމާރާތްކުރުން.
- ގއ. ކޮނޑޭ - ސްކޫލުގެ ހަތަރު ކްލާސްރޫމް އިމާރާތްކުރުން.
- ފ. ބިލެއްފަހި - ސްކޫލުގެ ސައިންސް ލެބް އިމާރާތްކުރުން.
- ފ. ފީއަލީ - ސްކޫލުގެ ސައިންސް ލެބް އިމާރާތްކުރުން.
- ބ. ގޮއިދޫ - ސްކޫލުގެ ސްޓާފްރޫމް އިމާރާތްކުރުން.
- ރ. އުނގޫފާރު - ސްކޫލުގެ އަށް ކްލާސްރޫމް ބިލްޑިން އިމާރާތްކުރުން.
- ހއ. އުލިގަން - ސްކޫލު އިމާރާތުގެ އަށް ކްލާސްރޫމާއި، ލެބް، އޭވީ ރޫމް އަދި ވަށާފާރު ރޭނުން.
- ކ. މާފުށި - ސްކޫލް އިމާރާތްކުރުން.
- ވ. ފުލިދޫ - ސްކޫލް އިމާރާތުގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުން.
- ހއ. ފިއްލަދޫ - ސްކޫލް އިމާރާތުގެ ހޯލު އިމާރާތްކުރުން.
- ރ. ހުޅުދުއްފާރު - ސްކޫލުގެ ތިން ބުރީގެ އިމާރާތް 12 ކްލާސްރޫމް އިމާރާތްކުރުން.













