ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ހިމެނޭހެން ނުވަ ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ޖުމްލަ 628 މިލިއަން ރުފިޔާ ހަރަދުކުރާ މި މަޝްރޫއުތައް ހަވާލުކުރީ އެމްޓީސީސީ، އާރުޑީސީ، އަދި ފެނަކަ އާ އެވެ. އާރުޑީސީ އަކީ ސަރުކާރުގެ މަގު ހަދާ ކުންފުންޏެވެ. ފެނަކައިން ދެނީ ފެނާއި ކަރަންޓުގެ ހިދުމަތެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ތިން ސްޓޭޓް މިނިސްޓަރެކެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނެވެ.
އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތައް
- ނ. ފޮއްދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް - 26.8 މިލިއަން ރުފިޔާ
- ށ. މާއުނގޫދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް - 27.2 މިލިއަން ރުފިޔާ
- ވ. ފެލިދޫ ހޮސްޕިޓަލުގެ އައު އިމަރާތް - 105.3 މިލިއަން ރުފިޔާ
- ތ. ވިލުފުށީ ހޮސްޕިޓަލުގެ އައު އިމާރަތް - 105.1 މިލިއަން ރުފިޔާ
އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތައް
- ކ. ގާފަރު ސިއްހީ މަރުކަޒުގެ އައު އިމާރާތް - 26.8 މިލިއަން ރުފިޔާ
- ހދ. ކުޅުދުއްފުށި ދަމަނަވެށި އިމާރަތް - 23.1 މިލިއަން ރުފިޔާ
- ހދ. ހަނިމާދޫ ހޮސްޕިޓަލުގެ އައު އިމާރާތް - 104.8 މިލިއަން ރުފިޔާ
- އދ. މާމިގިލީ ހޮސްޕިޓަލުގެ އައު އިމާރާތް - 105 މިލިއަން ރުފިޔާ
ފެނަކައާ ހަވާލުކުރި މަޝްރޫއު
- ހދ. މަކުނުދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތް - 103.6 މިލިއަން ރުފިޔާ
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނުވަ ރަށް ނިސްބަތްވާ ދާއިރާގެ މަޖިލިސް މެންބަރުންނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ ސަރުކާރުގެ ވައުދާ އެއްގޮތަށް ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ރަށްތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އައު އިމާރާތް އަޅަން ހަވާލުކުރާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވި އެވެ.

އާރުޑީސީ އަދި ފެނަކައަށް ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ހަވާލުކޮށްފައި މިވަނީ މިދިޔަ ސަރުކާރުން އެ ކުންފުނިތަކަށް އެފަދަ މަޝްރޫއުތައް ދިން ގޮތާމެދު މި ސަރުކާރުގެ ވެރިން ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔުމަށްފަހު އެވެ.












