ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އިބްރާހިމް ރަޝީދު އެ ކޮމިޝަނަށް ކޮށްދިން ހިދުމަތް ފާހަގަކޮށް، އެ ކޮމިޝަނުން މިއަދު ވަނީ ޝުކުރު އަދާކޮށް އެކްސް ގައި ޕޯސްޓެއް ވެސް ކޮށްފަ އެވެ.
އިބްރާހިމް ރަޝީދު މަގާމުން އިސްތިއުފާ ދިނީ އޭނާ ވަކިކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފާސް ކޮށްފައި ވަނިކޮށެވެ.
ގިނަ ވަގުތު އަޑު ކަނޑާލައިގެން 10 ވަރަކަށް މިނެޓަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ފިޔަވައި އެހެން ހުރިހާ މެންބަރުން އޭނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ.
މައިކު ކަނޑާލައިގެން ގިނަ ވަގުތު ކުރިއަށް ގެންދިޔުމުން، އިބްރާހިމް ރަޝީދު ވަކިކުރާ ސީދާ ސަބަބު ސާފެއް ނުވެ އެވެ. ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ ވަކި ކުރަން ފާސްކުރީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.

އެ ސިޓީގައި އިބްރާހިމް ރަޝީދުއާ ގުޅޭ ގިނަ ޝަކުވާތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް އަދި ނޭނގެ އެވެ.












