ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން ދައްކަން ބަންޑާރަ ނައިބު އެކްސްގައި ކުރެއްވި ޕޯސްޓެއް ރިޕޯސްޓު ކުރަން ރައީސް އަންގައިފި

Mar 7, 2025, 4:28 PM
ރައީސް މުއިއްޒު: ފަނޑިޔާރުންނަށް ރައީސް ބިރު ދައްކާ ކަމަށް ބުނެ ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު: ފަނޑިޔާރުންނަށް ރައީސް ބިރު ދައްކާ ކަމަށް ބުނެ ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން ދައްކަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއް ރިޕޯސްޓު ކުރަން ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ލީޑާޝިޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

އުޝާމްގެ ޕޯސްޓު ރިޕޯސްޓުކޮށް، އެއަށް ކޮމެންޓު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް އެންގެވީ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ. އުޝާމްގެ ޕޯސްޓު ރިޕޯސްޓު ކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ވަނީ ވަކިން އަންގައިފަ އެވެ.

ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވާކަން ދައްކަން އުޝާމް މިއަދު ޕޯސްޓެއް ކުރެެއްވީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ކުރިއަށްނުގެންދެވޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރުމުން ފާޑުކިޔުން އަމާޒުވާތީ އެވެ.

އުޝާމް މިއަދު ކުރެއްވި ޕޯސްޓުގައި އޮތީ މިދިޔަ ސަރުކާރުގައި އަދި މި ސަރުކާރުގެ މިހާތަނަށް ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގޮތުން ބަލާފައިވާ މައްސަލައިގެ ތަފާސްހިސާބެވެ. ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެ ތަފާސްހިސާބުން އެނގެނީ ކިހިނެއްކަން ސާފެއް ނުވެ އެވެ.

"2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީ އިން ފަނޑިޔާރުންނާމެދު އަޅާފައިވާ ފިޔަވަޅުތަަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަރަށް ސާފު. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސްލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރު 2023 އިން ފެށިގެން،" ތަފާސްހިސާބާއެކު އުޝާމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީއިން ސަސްޕެންޑު ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރެވެ. އެބޭފުޅުންގެ ތެރެއިން ސުއޫދު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވެރިން ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ވިދާޅުވެ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވައިފަ އެވެ.

ސުއޫދާ ގުޅޭ ގޮތުން ބަލަމުންދަނީ ހައި ކޯޓުގެ ކުރީގެ ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެއްޗެހި ގޮވި ކަމަށް ބުނާ މައްސަލައެކެވެ. ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާއަށް ކުރާ ތުހުމަތަކީ ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ.

ޖޭއެސްސީއިން އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ އެ ބޭފުޅުންގެ ޖިނާއީ މައްސަލަތަކެއް އޭސީސީއިން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް ބަލަމުންދަނީ ފަނޑިޔާރުންގެ ކޮން މައްސަލަތަކެއްކަން މިހާތަނަށް ވެސް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

އަދަދު އަށް ފެނިފައިވާ ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާއާ ގުޅުވައިގެން އޭސީސީއިން ބަލަނީ ހަމަ ޖޭއެސްސީއިން ވެސް ބަލަމުންދާ މައްސަލަ އެވެ. އެއީ ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ނުފޫޒުގެ ބޭނުންކޮށްގެން އޭނާ ދޫކޮށްލަން މަސައްކަތް ކުރި ކަމަށް ބުނެ ބަލާ މައްސަލަ އެވެ.

އެ މައްސަލައިގައި އެއްވެސް ފަނޑިޔާރަކާ މިހާތަނަށް ޖޭއެސްސީ އަދި އޭސީސީއިން ވެސް ސުވާލެއް ނުކުރެ އެވެ. އެކަމަކު، އަންނަ އާދީއްތަ ދުވަހު ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު މަހާޒް އާއި އަޒްމިރާލްދާއަށް މިހާރު ވަނީ އަންގައިފަ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒް ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ދެ ގަޒީއެއްގެ ބަޔާން ޖޭއެސްސީން ވަނީ މިހާރު ނަގައިފަ އެވެ. އެއީ ގާޒީ އިބްރާހިމް ޒިހުނީ އަދި ސޮފްއަތު ހަބީބެވެ. އެ ގާޒީންގެ ބަޔާން ނެގި ޖޭއެސްސީގެ ކޮމިޓީގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނެ އެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައިގައި ފަނޑިޔާރު ސުއޫދު ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. ސުއޫދު ވިދާޅުވީ ރައީސް ޑރ. މުއިއްޒާއި ބަންޑާރަ ނައިބު އުޝާމް ފަނޑިޔާރުންނަށް ބިރުދައްކަމުންދާ ކަމަށެވެ.

"... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި ބަޔާން ކުރެވުނު މައްސަލަ މަނިކުފާނު އެދޭ ގޮތަށް ނިންމުމަށް މަނިކުފާނު ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ ނ. އާއި ރ. އާ ހިލާފަށް ނުފޫޒު ފޯރުވަމުން ގެންދަވާތީވެ އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިހިނދުން ފެށީގެން އަޅުގަނޑު އިސްތިއުފާ ދީފިން،" އިސްތިއުފާގެ ސިޓީގައި ސުއޫދު ވިދާޅުވި އެވެ.

އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާގެ ގާނޫނީ ވަކީލުން ވެސް ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަނީ ނެތް ހާލަތެއް އުފައްދައިގެން ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ގާނޫނީ ވެރިކަމަށް ރުޖޫއުވާން އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް، ދައުލަތުގެ އެކި މުއައްސަސާތަކުން އިޖުރާއަތްތަކެއް ހިންގަމުންދާއިރު އެކަމާ ގުޅިގެން މުއައްސަސާތަކަށް ފަނޑިޔާރު ހުށަހެޅުއްވި ޝަކުވާތަކާ ގުޅިގެން އެއްވެސް މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާތީ، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއަށް މި މައްސަލަތަކުގައި އިންސާފު ހޯދުމަށް ހުރަސް އެޅިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރުންގެ މައްސަލަތަކެއް ފެންމަތިކޮށް، ގޮނޑި ގެއްލުވައިލެވޭ މާއްދާ ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ޖޭއެސްސީން ހުރަސްއެޅިއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފެބްރުއަރީ 26، ގައި ގައިރު ގާނޫނީ ބިލެއް ފާސްކޮށްފަ އެވެ.

އެ ބިލު ތަސްދީގު ނުކުރަން ދިވެހިރާއްޖޭގެ ބާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. ތަސްދީގު ކުރި ނަމަވެސް އެއީ އަމަލު ކުރެވޭނެ ބިލެއް ނޫން ކަމަށް ބާ ކައުންސިލުން ބުނެ އެވެ. އެ ބިލަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން ފާސް ކުރި ބިލެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ވަކީލުން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox