ކޯޓުން ޖަވާބުދާރީ ވާން ދިން މުއްދަތުގައި ޖަވާބު ހުށަހެޅިން: އުޝާމް

ދައުލަތުގެ ބަންޑާރަ ނައިބު، އަހުމަދު އުޝާމް: އޭނާ ވިދާޅުވީ 10 ދުވަހުގެ މުއްދަތު ދިނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަންޑާރަ ނައިބު، އަހުމަދު އުޝާމް: އޭނާ ވިދާޅުވީ 10 ދުވަހުގެ މުއްދަތު ދިނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ޖަވާބުދާރީވާން ދިން މުއްދަތުގައި ހުށަހަޅަންޖެހޭ އެއްޗެހި ހުށަހަޅާފައި ވާނެ ކަމަށް ބަންޑާރަނައިބު، އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ދައުލަތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ ބަންޑާރަނައިބަށް ފިޔަވަޅު އަޅައިދޭން އެދުނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން އެވެ. އޭނާ އެދިފައި އޮތީ ކޯޓު އަމުރަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ބަންޑާރަ ނައިބަށް ފިޔަވަޅު އަޅައިދިނުމަށެވެ.

އެގޮތަށް އެދި ސުޕްރީމް ކޯޓަށް ސިޓީއެއް ހުށަހެޅިކަން އަންގައި އެކްސްގައި އަލީ ހުސެއިން ކުރި ޕޯސްޓަށް ރައްދު ދެއްވައި އުޝާމް ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަވާބުދާރީ ވާން ކޯޓުން ދިނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި ކަމަށެވެ.

އެއީ ކޮން ކަމެއްތޯ ކަށަވަރު ކުރުމަށް އަދަދު ނޫހުން ގުޅުމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުން ޖަވާބުދާރީ ވާން ދިން މުއްދަތުގައި ހުށަހެޅަންޖެހޭ އެެއްޗެހި ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް ތަފުސީލެއް ނުދެއްވި އެވެ.

"އަޅުގަނޑުމެން އެ މުއްދަތަށް ހުށަހަޅަންޖެހޭ އެއްޗެހި ހުށަހަޅާފައި ވާނީ،" އުޝާމް ވިދާޅުވި އެވެ.

އުޝާމްގެ ޕޯސްޓުގައި ތުހުމަތު ކުރެއްވީ އަލީ ހުސެއިން އޮޅުވައިލައި ދޮގު ހެދި ކަމަށެވެ. އެގޮތުން ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވަނީ 28 ފެބްރުއަރީއަށް ނޫން ކަމަށާއި ރަސްމީ ދުވަސް ގުންނަންޖެހޭ ގޮތް ކިޔައި ނުދިނަސް އެނގިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

"ތިޔަ ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން ދެއްވާފައި ވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް، އަދި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި، އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށް ނޫން،" އުޝާމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

"ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެ ކަމަށް ދެކެން،"

މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ނިންމައި ޖަވާބުދާރީ ވުމަށް 10 ދުވަސް ދޭން ސުޕްރީމް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ގަ އެވެ. އެ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ދުވަސްތައް ގުނާނަމަ، 10 ދުވަސް ހަމަވީ އިއްޔެ އެވެ.

ގާނޫނުއަސާސީ ބަދަލުކުރި މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ ދައުލަތުންނެވެ.

އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމި އޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި އޮންނަ އަސާސާ ހިލާފު ކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމި އޮތުމަށް ގާނޫނުއަސާސީގެ ފަސް ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާ ވެސް އެ އިސްލާހު ހިލާފު ކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އެ މައްސަލައިގައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި، 90 ވަނަ މާއްދާއާ ވެސް ފުށުއަރާ ކަމަށާއި އެ އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox