ތިނަދޫ ސިޓީ ކައުންސިލުން ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް ސްޕީޑް ލޯންޗެއް ސަޕްލައި ކޮށްދިނުމަށް މިދިޔަ ފެބްރުއަރީ 16، ގައި ހުޅުވާލައިފި އެވެ.
ކައުންސިލުން ހުޅުވާލީ 38 ފޫޓު 19 އިންޗި ދިގު އަދި 10 ފޫޓު 10 އިންޗި ފުޅާ ހައި ސްޕީޑް މޮޓޯ ބޯޓެއް ހޯދުމަށެވެ. އެ ބޯޓުގައި ދެ ކްރޫއިންނާއި 25 ފަސިންޖަރުންނަށް ތިބެވޭ ގޮތަށް 27 މީހުންގެ ޖާގަ ހުންނަން ޖެހޭނެ ކަމަށް ވެސް ބިޑު ކަރުދާހުގައިވެ އެވެ.
ތިނަދޫ ކައުންސިލުން ބިޑަށް ހުޅުވާލި ލިޔުމުގައި ސާމްޕަލް ފޮޓޯއެއް ގޮތުގައި އާންމުކޮށްފައި ވަނީ ގަލްފް ކްރާފްޓް މަރުކާގެ ލޯންޗެކެވެ. އަދި މުޅި ބީލަމުގައި ހުރި ހުރިހާ މައުލޫމާތަކީ "ޓުވަރިން 38" ލޯންޗެއްގެ ސްޕެސިފިކޭޝަންތަކެވެ.
ކައުންސިލް ފަދަ ތަންތަނުން އެތަނަކަށް ބޭނުންވާ އެއްޗެއް ގަންނަން އާންމުކޮށް ބިޑަށް ހުޅުވާލަން ޖެހެ އެވެ. އެގޮތުން ހުށަހަޅާ ބިޑުތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް އިސްކަން ދޭން ޖެހެނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ކުންފުންޏަށެވެ.
ނަމަވެސް ތިނަދޫ ކައުންސިލުން ލޯންޗެއް ސަޕްލައި ކޮށްދިނުމަށް ބިޑަށް ހުޅުވާލާފައި ވަނީ ގަލްފް ކްރާފްޓުގެ ވަކި ވައްތަރެއްގެ އުޅަނދެއް ގަންނާށެވެ. މި ސައިޒުގެ ލޯންޗުތަކަކީ އެހެން ކުންފުނިތަކުން ވެސް ވިއްކާ ލޯންޗުތަކެވެ.

މި ބީލަންތައް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ. މިކަމާ ގުޅޭ ގޮތުން ތިނަދޫ ކައުންސިލުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ނާކަމިޔާބުވެފަ އެވެ.












