އެމެރިކާގެ އިންވެސްޓްމަންޓް ބޭންކެއް ކަމަށްވާ ސިޓިގްރޫޕުން އެ ބޭންކުގެ ކަސްޓަމަރެއްގެ އެކައުންޓަށް 81 ޓްރިލިއަން ޑޮލަރު ޖަމާކުރުމަށް ފަހު އެ ޓްރާންސެކްޝަން ކެންސަލް ކުރުމަށް އެތައް ގަޑިއިރެއް ހޭދަވި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފި އެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ހިނގި މި ކަމަކީ 280 ޑޮލަރު ޖަމާކުރުމަށް ހުށަހެޅުމުން ބޭންކުގެ މުވައްޒަފުންތަކެއް ހެދި ގޯހެކެވެ. އެ އަދަދު ޕްރޮސެސް ކުރުމުގެ ކުރިން ޗެކް ކުރި ދެ މުވައްޒަފަކަށް އެ އަދަދަށް ފައިސާ ޖަމާކުރާކަން ފާހަގަނުކުރެވުނުއިރު އެކަން ފާހަގަވީ ތިންވަނަ މުވައްޒަފަކަށެވެ. އެއީ ގަޑިއެއްހާއިރު ފަހުންނެވެ.
މިފަދަ 10 ހާދިސާއެއް ސިޓިގްރޫޕްގެ ބޭންކުތައް މެދުވެރިކޮށް ހިނގި ކަމަށް ރިޕޯޓުތައް ބުނާއިރު އެއްވެސް ފައިސާއެއް ބޭންކުން ނުގެއްލޭ ކަމަށް އެމެރިކާގެ ފެޑެރަލް ރިޒާވުން ވަނީ ބުނެފަ އެވެ.
އެ ބޭންކުން ރަނގަޅަށް ނުބަލައި ޓްރާންސެކްޝަންތައް ޕްރޮސެސް ކުރުމުގެ ސަބަބުން މީގެކުރިން ވެސް ރެގިއުލޭޓަރުން ވަނީ އެ ބޭންކު ޖޫރިމަނާ ވެސް ކޮށްފަ އެވެ.







