ހޯމް މިނިސްޓަރު އަލީ އިހުސާނުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވާން އެއް ގަޑިއިރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމައިފި އެވެ.
އިހުސާނުގެ އިތުބާރު ނެތް ކަމަށް ބުނެ މައްސަލައެއް އިދިކޮޅު އެމްޑީޕީއިން ހުށަހެޅީ އޭނާގެ ބެލުމުގެ ދަށުން ހިންގާ ޑީއެންއާރުގެ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ހިންގާ ޕީއެންސީއަށް ވަގަށް އާންމުން ވެއްދި ކަމަށް ބުނާ މައްސަލައިގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއިން ނިންމީ އިތުބާރު ނެތްކަމުގެ މައްސަލަ ދޮޅު ގަޑިއިރަށް ކުރިއަށް ގެންދިޔުމަށެވެ. ތިރީސް މިނެޓު ހާއްސަ ކުރީ މެންބަރުން ބަހުސް ކުރުމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ޖަވާބުދާރީވުމަށް މަޖިލީހުން ދެނީ އެކި ފަހަރު ތަފާތު ވަގުތެވެ. ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވަކިކުރިއިރު އޭނާއަށް ދިނީ އެންމެ 20 މިނެޓެވެ.
އިހުސާން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަގު ފޯމުތަކުގެ މައްސަލައިގެ އިތުރުން އެކްސްޕެޓް ސިސްޓަމް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުންޏާ ހަވާލުކުރި މައްސަލަ އާއި ފުލުހުންގެ ތަހުގީގަތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވެސް ހިމަނާފައިވެ އެވެ.

އިހުސާނަށް ފާޑުކިޔުން އަމާޒުވާން ފެށީ ޕީއެންސީގެ ފޯމުތަކެއް ފުރާ ތަނެއްގައި އޭނާ ހުންނެވި ފޮޓޯތަކެއް ލީކުވުމުންނެވެ.
ޕީއެންސީގެ މެންބަރަކަށް ވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފޯމުތަކުގެ އިތުރުން، އެ ފޯމުތަކަށް ބޭނުންވާ އާންމުންގެ ޕާސްޕޯޓު ސައިޒު ފޮޓޯތަކެއް ކަފާ މަންޒަރު ވެސް އެ ފޮޓޯތަކުން ބުނެ އެވެ. މީގެ ކުރިން ހޯމް މިނިސްޓްރީ ތެރޭގައި މި މަސައްކަތް ކުރާތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުވި އެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން އިހުސާން ވިދާޅުވީ މިއީ މިނިސްޓްރީ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ނޫން ކަމަށެވެ. އިތުރަށް ސުވާލުކުރުމުން އެއީ ވެލާނާގެ އިމާރާތް ނަމަވެސް ހޯމް މިނިސްޓްރީގެ ފްލޯ ނޫން ކަމަށް ވިދާޅުވި އެވެ.
"ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަމުންދިޔަ ދުވަހަކު އަޅުގަނޑު އެތަނަށް ދިޔައިން. އެއީ އޮފީހުގެ ރަސްމީ ގަޑިއަކުވެސް ނޫން،" އިހުސާން ވިދާޅުވި އެވެ.
ފޯމު ފުރުމުގައި ޑީއެންއާރްއިން އާންމުންގެ މައުލޫމާތު ނަގާފައިވާނެތޯ ސުވާލު ކުރުމުން އިހުސާން ވިދާޅުވީ، ޑީއެންއާރްއިން މިހާރު މައުލޫމާތު ނުނެގޭނެ ކަމަށެވެ. ނަމަވެސް ޑީއެންއާރުގެ ޑޭޓާބޭސް ކުރިން ލީކުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބޭނުން ކުރީ ޑީއެންއާރް ޑޭޓާބޭސްގެ މައުލޫމާތުކަން އިހުސާން ދޮގެއް ނުކުރެ އެވެ.











