ދައުލަތުގެ ހަރަދުތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމަށް ހުރިހާ އިދާރާއަކަށް އަންގާފައި ވަނިކޮށް މި މަހު މެދުތެރޭގައި އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް ގަވަމަންޓު ސަމިޓުގައި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭހެން ރާއްޖެއިން ބޮޑު ވަފުދެއް ބައިވެރިވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މި ސަމިޓަށް ވަޑައިގެންނެވި އެންމެ އިސް އޮފިޝަލަކީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސަމިޓަށް ދިވެހި ދައުލަތުގެ 50 އަށްވުރެ ގިނަ އޮފިޝަލުން ދަތުރުކުރި އެވެ.
އޭގެތެރޭގައި ވަޒީރުންނާއި ރައީސް އޮފީހުގެ އިސް އޮފިޝަލުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންވެސް ހިމެނެ އެވެ. އޭގެތެރެއިން އިސް އޮފިޝަލުން ހިމެނޭ ފޮޓޯއެއްވެސް ރައީސް އޮފީހުން ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯގައި އެކަނިވެސް 40 އަށްވުރެ ގިނަ އޮފިޝަލުން ތިއްބެވެ.
ދިވެހި ވަފުދުގައި ހިމެނޭ ބައެއް އިސް އޮފިޝަލުން
- ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު
- ހޯމް މިނިސްޓަރު އަލީ އިހުސާން
- އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު
- ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
- ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު
- ކެބިނެޓް ސެކްރެޓަރީ އަދި ބީއެމްއެލްގެ ޗެއާމަން އަހުމަދު އަލީ ހަބީބު
- އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް
- ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު
- ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް
- އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝާމިލް
- އެމްކިއުއޭގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު
- ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓު ޑރ. އައިޝަތު އިކްރާމް
- ރައީސް އޮފީހުގެ ސީނިއާ އަންޑާ ސެކްރެޓަރީ ޑރ. އިސާމް އަހުމަދ
- ރައީސް އޮފީހުގެ ސީނިއާ އަންޑާ ސެކްރެޓަރީ ޑރ. މޫސާ ފަތުހީ
އޭގެއިތުރުން، އެކި ވުޒާރާތަކުގެ ނައިބުންނާއި ސްޓޭޓު މިނިސްޓަރުން އަދި އިސް އޮފިޝަލުން ދިވެހި ވަފުދުގައި ބައިވެރިވި އެވެ. ހަމައެހެންމެ، އެ އިދާރާތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ސަމިޓަށް ގެންގޮސްފައިވެ އެވެ.
ދުނިޔޭގެ ގައުމުތަކުން ވެރިންނާއި އިސް އޮފިޝަލުން ބައިވެރިވާ މި ސަމިޓަކީ ސަރަހައްދީ ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއި، ވަކި ވަކި ފަރުދުންގެ މެދުގައި އެއްބާރުލުން އިތުރުކޮށް، ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތައް ހޯދުމަށް ބާއްވާ ސަމިޓެކެވެ.

ނައިބު ރައީސް ފުރުމާ ގުޅިގެން ރައީސް އޮފީހުން ނެރުނު ހަބަރުގައި ސަމިޓުގައި އެމަނިކުފާނުގެ އިތުރުން ދިވެހި ވަފުދެއް ބައިވެރިވާކަން ސާފުކޮށްދީފައެއް ނުވެ އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި ސަމިޓު ނިމުނުތާ ތިން ދުވަސް ފަހުން ނައިބު ރައީސް މިހާރު ގެންދަވަނީ ދުބާއީ ދޫކޮށް ރާއްޖެ އައުމަށް ދަތުރުކުރަމުންނެވެ. މި ދަތުރަށް ސަރުކާރުން ކުރި ހަރަދުގެ ތަފުސީލު އާންމު އުސޫލުގެ ދަށުން 15 ދުވަހުގެ ތެރޭ ހާމަކުރާނެ ކަމަށް ބެލެވެ އެވެ.












