ސަލްޓަން ޕާކާއި ރަސްފަންނު ވީރާނާވާ ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހިތާމަ ފާޅު ކުރެއްވިއިރު، އެ ދެ ތަން ވެސް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް އިއްޔެ ވިދާޅުވި އެވެ.
ބަޖެޓު ނެތް ކަމަށް ބުނެ އެމަނިކުފާނުގެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވީރާނާވާ ކަމަށްބުނެ ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވައި އާޒިމް އިއްޔެ ކުރެއްވި ދެ ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ސަލްޓަން ޕާކުގެ ހާލަތު ދެނެގަތުމަށް ސިޓީ ކައުންސިލުން ހާއްސަ ދިރާސާއެއް ކުރުމަށްފަހު އެ ތަނުގެ އާބާތުރަ ފިލުވައިދޭނެ ބައެއް ހޯދައިދޭން އިއުލާނު ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ ތަނުގެ ހާލަތު އެހައި ހިސާބަށް ދިޔައީ އެތަން ހުޅުވީއްސުރެ މިއަދާ ހަމައަށް އެއްވެސް މަރާމާތެއް ކޮށްފައި ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"2016 ވަނަ އަހަރު ހުޅުވުނު މި ޕާކަކީ އޭގެފަހުން އެއްވެސް މަރާމާތެއް ނުކުރެވި، އެ ތަނުގައި ހުރި އިމާރާތްތަކާއި ވަސީލަތްތައް ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ތަންތަންކަން އެ ތަން ބޭނުން ކުރާ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ އެވެ،" އާޒިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.











