ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ "ރަށު އެކްސްޕޯ" ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.
މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލްތައް ހުންނާނެ އެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ އެ އެކްސްޕޯއަކީ ވިޔަފާރިތަކާއި އާންމުން ގުޅުވާލަ ދިނުމަށް މުހިންމު އެކްސްޕޯއަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
"ވަރަށް ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވި އެވެ.
ދަ ޓްރެވަލް ގާއިޒްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ށު އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާކަމެއް ކަމަށެވެ.
"ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިން ހިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވިކަމީ މި އެކްސްޕޯ އަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް. އަދި މިއީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ރަށު އެކްސްޕޯ އޮންނާނީ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮނެމް ދުވަހަކު ހަވީރު 4:00 އިން 06:00 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށެވެ.










