ގްލާސްގޯ، ސްކޮޓްލެންޑް (ފެބްރުއަރީ 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކުން ރަށުންބޭރުގައި ސެލްޓިކް އަތުން 2-1 އިން މޮޅުވިއިރު، ފެޔަނޫޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 އިން އޭސީ މިލާން އަތުން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގައި ސެލްޓިކް ދަނޑުގައި ބަޔާނުން ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ ރަނގަޅު ވަގުތުތަކެއްގަ އެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ ފަހު މިނިޓްގައި، މައިކަލް އޮލީސޭ، ބަޔާނަށް ލީޑުނަގައިިދިންއިރު، ދެ ވަނަ ހާފު ފަށައިގެން، ހަތަރު މިނިޓް ތެރޭ، ޔޯސުއާ ކިމިކް ދިން ބޯޅައަކުން ހެރީ ކޭން ގޯލު ޖަހައި، ބަޔާންގެ ލީޑުފުޅާކޮށްދިނެވެ.
މެޗުގައި ސެލްޓިކުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، 79 ވަނަ މިނިޓްގައި، އެ ޓީމަށް ކުޅޭ ޖަޕާނުގެ ތަރި، މައޭޑާ އެވެ.
މިލާންގެ މައްޗަށް ފުރަތަމަ ލެގުގައި، ފެޔަނޫޑަށް ކުރިހޯދައިދިން ގޯލު ޖަހައިދިނީ، ތިން ވަނަ މިނިޓްގައި އިގޯ ޕައިކްޒާއޯ އެވެ. މެޗުގެ ބާކީ ބައި އެއްކޮށް ކަހަލަ ގޮތަކަށް އެކި ވަގުތުތަކުގައި، މިލާނުން އެޓޭކްކޮށް ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ.
ދެ ވަނަ ހާފުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު މޮނާކޯގެ މައްޗަށް އެ ޓީމުގެ ދަނޑުގައި ބެންފީކާ އިން ވަނީ 1-0 އިން ކުރިހޯދައިފަ އެވެ. މެޗުގައި ބެންފީކާ އިން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، ވަންޖެލިސް ޕަވްލީޑީސް އެވެ. މޮނާކޯގެ ކުޅުންތެރިއަކު މަދުވީ ދެ ވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމަށް ކުޅޭ، ލީބިޔާގެ މުއުތަސިމް އަލް މުސްރާތީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު، ރަތް ކާޑެއް ދެއްކުމުންނެވެ.
ބެލްޖިއަމްގެ ކްލަބް ބްރޫޖް އިން ވަނީ 2-1 އިން އިޓަލީގެ އެޓަލަންޓާ ބަލިކޮށްފަ އެެވެ. ފެރަން ޖުޓްގުލާގެ ގޯލުން ބްރޫޖުން ލީޑުނެގި މި މެޗުގައި، އެޓަލަންޓާ އަށް އެއްވަރުކޮށްދިނީ، މާރިއޯ ޕަސާލިޗް ވައްދާލި ގޯލުންނެވެ. އެކަމަކު، ބްރޫޖް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ގުސްޓާފް ނިލްސަން އެވެ.












