ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ އަލަށް ގެނެވުނު ބަދަލާ އެކު، ރާއްޖޭގައި އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނާއި އާއިލާތަކުގެ ތެރެއިން މިހާރަށް ވުރެ ގިނަ އަދަދެއްގެ ބަޔަކަށް ގެދޮވެރިންނަށް ވުމަށް ބޭނުންވާ ފައިނޭންސިން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބޭހެން ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިން ދޫކުރަނީ ބީއެމްއެލްއިން ކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.
ބީއެމްއެލްއިން ގެދޮރު ގަތުމާއި ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ދޫކުރާ ފައިނޭންސަށް ގެނައި ބަދަލުތައް:
ހޯމް ޕާޗޭސް ފައިނޭންސިން (ގެދޮރު ގަތުމަށް)
- މިހާރު ބިން، ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން
- ތިން މިލިއަން ރުފިޔާއާ ހަމައަށް އަގުހުރި ޕްރޮޖެކްޓްތަކަށް، އަމިއްލައަށް ކުރަންޖެހޭ ހަރަދު 10 ޕަސަންޓަށް ދަށްކުރުން.
ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް (ގެދޮރު މަރާމާތްކުރުން)
- ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން.
- ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން.
- މަޝްރޫއިން ލިބޭ އާމްދަނީ މިހާރު ބަލައިގަތުން.
ހޯމް ބިލްޑް ފައިނޭންސިންގް (ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް)
- ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު ދެ މިލިއަން ރުފިޔާއަށް އިތުރުކުރުން.
- އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން.
- ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން.










