ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަމުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ވަގު އެކައުންޓެއް ހަދައިގެން ކްރިޕްޓޯ ކަރަންސީ ސްކޭމެއް ހިންގަން ފަށައިފި އެވެ.
ރައީސްގެ ރަސްމީ އެކައުންޓުގައިވާ ފޮޓޯ އަދި ނަން ބޭނުންކުރި ނަމަވެސް ވަގު އެކައުންޓުގެ ޔޫސާ ނޭމް ތަފާތެވެ. އެ އެކައުންޓުން ކޮށްފައިވާ ތަފާތު އެކި ޕޯސްޓުތަކުގައި ބުނީ ރާއްޖޭގެ ނަމުގައި ކްރިޕްޓޯ ކަރަންސީއެއް ލޯންޗުކޮށްފައިވާ ކަމަށެވެ.
ކްރިޕްޓޯ ކަރެންސީ ބްލޮކްޗެއިން ސޮލާނާގައި ލޯންޗުކޮށްފައިވާ މި ކަރަންސީއަށް ކިޔަނީ 'ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ކޮއިން' ނުވަތަ MDVS# އެވެ. ރައީސްގެ ނަމުގައި ކޮށްފައިވާ ޕޯސްޓުތަކުގެ ސްކްރީންޝޮޓުތަކުގައި އެކްސް އިން ދައުލަތްތަކުގެ ވެރިންނަށް ދޭ ގްރޭ ވެރިފިކޭޝަން ބެޖުވެސް ފެނެ އެވެ.
ނަމަވެސް، މިއީ ސްކޭމެއް ކަމަށާއި ރައީސްގެ ރަސްމީ އެކައުންޓުން މިފަދަ ޕޯސްޓެއް ކޮށްފައި ނުވާ ކަމަށް ބުނެ ކްރިޕްޓޯ ކަރަންސީ ވިޔަފާރީގައި ޝާމިލުވާ އެކި އެކައުންޓުތަކުން ދަނީ ޕޯސްޓުކުރަމުންނެވެ. އަދި މި ކަރަންސީއަށް އިންވެސްޓު ނުކުރުމަށް އިލްތިމާވެސް ކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

ކްރިޕްޓޯ ކަރަންސީގެ ޒަރިއްޔާއިން ސްކޭމް ހިންގާ މީހުންގެ ފައިސާ ފޭރުން ދަނީ އާންމުވަމުންނެވެ. އެގޮތުން 2023 ގައި މިފަދަ އެކި ސްކޭމްތަކުގައި ޖުމްލަ 5.6 ބިލިއަން އެމެރިކާ ޑޮލަރު ފޭރުނު ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.













