ގޯލްޑަން ފުޓްސަލް ޗެލެންޖަށް މި ފަހަރު ވިލިމާލެ ޓީމުން ނުކުތީ މިދިޔަ އަހަރަށް ވުރެ ހުރިހާ ކަމެއް ރަނގަޅަށް ގެންދިއުމަށް މަސައްކަތް ކުރުމަށް ކަމަށާއި އެންމެ ފުރަތަމަ އަމާޒުހިފާފައިވަނީ، އަދި ނުލިބި އޮތް ޒޯން ތަށި ހާސިލްކުރުމަށް ކަމަށް އެ ޓީމުގެ ތަރި، އިސްމާއިލް ވަޖީހު (ވައްޖެ) ބުނެފި އެވެ.
މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލުގައި ކުޅުނު ވިލިމާލެ އިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހުޅުމާލެ އަތުން 2-1 އިން މޮޅުވިއިރު، ދެ ވަނަ މެޗުން، މައްޗަންގޯޅީގެ މައްޗަށް ކުރިހޯދީ 7-1 އިިންނެވެ. އަދި ޒޯނު ލީގު ބުރުގެ ފަހު މެޗުގައި، ވިލިމާލޭން ރޭ ވަނީ 4-0 އިން މާފަންނު ބަލިކޮށްފަ އެވެ.
"ފުރަތަަމަ މެޗު ތަންކޮޅެއް ދަށްކޮށް ދިޔައީ. ވެދާނެ ފުރަތަމަ މެޗު ކަމަށް ވީމަ ވެސް. ދެން މި ދަނީ ކުޅުނު ދެ މެޗު ހިއްލާލީ ހަމަ ބޭނުންވި ގޮތަށް މިދިޔައީ މޮޅުވެގެން،" ވައްޖެ ބުންޏެވެ.
މިދިޔަ އަހަރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރާނެކަން ފާހަގަކޮށް ވައްޖެ ބުނީ، ކުރިން ކުރި ހިތްވަރަށް ވުރެ ދެ ގުނަ ނެރެން ޖެހޭނެ ކަމަށެވެ.
"ކުރީ ފަހަރު 100 ދިނީ، މި ފަހަރު ޖެހޭނެ އެ އަށް ވުރެ ބޮޑަށް ހިއްލާލަން ހަމަ 200 ހަމަ ދޭން ޖެހޭނެ. އެ އަށް ރެޑީވެގެން މި ތިބީ،" ވައްޖެ ބުންޏެވެ.
"އިމްޕްރޫވްމަންޓަކަށް ފެންނަނީ ނިއު ޕްލޭޔަރެއް (އަހުމަދު ބައްސާމް މުހައްމަދު ނައީމް - ބައްކު) ވެސް ޖޮއިން ވެއްޖެ. އެއީ ވަރަށް ބޮޑު އެއްޗެއް ޓީމަށް އެ ލިބުނީ. ދެން، އިމްޕްރޫވްމަންޓަކަށް ފެންނަނީ މިދިޔަ ފަހަރުތަކުގައި އެ މިސްވި އެއްޗެއްސަށް ވުރެ ރަނގަޅަށް މި ފަހަރު މަސައްކަތް ވެސް ކުރޭ،"
މި ވަގުތަށް ބަލާއިރު، ވިލިމާލޭން ވިސްނުމަކީ، އެ ޓީމަށް ނުލިބި އޮތް ކާމިޔާބެއް ހާސިލްކުރުމެވެ. އެއީ، ޒޯނުގެ ތަށި ހޯދުމެވެ.
"ފުރަތަމަ ހަމަ ސީދާ ޒޯން ތަށްޓަށް، ދުވަހަކު ވެސް ނުލިބޭތީ އަދި،" ވައްޖެ ބުންޏެވެ.
މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި، ވިލިމާލެ ބަލިވީ މާފަންނު އަތުން ޕެނަލްޓީ ޖަހައިގެން 7-6 އިންނެވެ. މި ފަހަރުގެ ޒޯން އަށެއްގެ ފައިނަލުގައި ވިލިމާލޭން މައްޗަންގޯޅިއާ ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެވެ.












