ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ތިނެއްގައި، ކާށިދޫން 3-1 އިން މާފުށި ބަލިކޮށް، ކ. އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލުހިފިއިރު، އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން، ބ. އޭދަފުށިން ޒޯން ބުރު ފެށި މެޗުން، ޅ. އަތޮޅުގެ ޗެމްޕިއަން، ކުރެންދޫ އަތުން 3-1 އިން މޮޅުވެއްޖެ އެވެ.
މާފުށިން ކ. އަތޮޅު ތަށި ހޯދީ މެޗަކުން ބަލިނުވެ، ފައިނަލުގައި ކާށިދޫ އަތުން 1-0 އިން މޮޅުވެގެންނެވެ.
އެހެން ނަމަވެސް، ޒޯން ބުރުގައި މި ދެ ޓީމުގެ މެޗުގައި ކާށިދޫން ފުރަތަމަ ހާފު ވެސް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ކާށިދޫން ލީޑުނެގީ ހަނި އޭންގަލުން އަބްދުﷲ ސުޒެއިރު ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭރިއާބޭރުން އެ ޓީމުގެ ކެޕްޓަން، އަކުމަލް މުހައްމަދު (އަކޫބެ) ވަނީ ގޯލު ޖަހައި، ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފަށް ކުޅެން އަރައި، މާ ލަސްތަކެއް ނުވެ، ކައުންޓަ އެޓޭކުގައި ކާށިދޫން ތިން ވަނަ ގޯލު ޖެހި އެވެ. މިއީ ސުޒެއިރު ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރައި، ހަމަޖެހިލައިފައި، އެ ޓީމުގެ އަޖުލާން އަބްދުލް ހަންނާން ޖެހި ގޯލެކެވެ.
މެޗުގެ އިތުރު ވަގުތުގައި މާފުށީގެ ހަމައެކަނި ލަނޑު ޖެހީ، އިސްމާއިލް މަފާޒް އިބްރާހިމް (މަފާ) އެވެ. އޭރިއާބޭރުން މަފާ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައިޖެހިފަ އެވެ.
ކުރެންދޫ ކޮޅަށް އޭދަފުށީގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، މުހައްމަދު ފާސިރު (ފާއްޓެ) އެވެ. ދެން، އޭދަފުށިން ޖެހި ގޯލަކީ، ކުރެންދޫގެ މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި، ކުރެންދޫގެ ހަމައެކަނި ލަނޑު ޖެހީ، މުހައްމަދު ނަބީހު އެވެ.
މިދިޔަ އަހަރު އޭދަފުށި ވަނީ މި ޒޯނުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން، ކ. ގާފަރު އަތުން ބަލިވެފަ އެވެ. މި ފަހަރުގެ ޒޯނަށް އެންމެ ފަހުގެ މި ޒޯނުގެ ޗެމްޕިއަން، ގާފަރު ކޮލިފައިނުވެ އެވެ. އެއީ، ކ. އަތޮޅު ސެމީގައި ކާށިދޫ އަތުން ބަލިވުމުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް
20:00: ޒޯން 4: އއ. މަތިވެރި - ވ. ކެޔޮދޫ
20:00: ޒޯން 4: އއ. ތޮއްޑޫ - އދ. މަހިބަދޫ
21:00: ޒޯން 2: ށ. މިލަންދޫ - ށ. ކަނޑިތީމު
21:00: ޒޯން 2: ރ. ދުވާފަރު - ނ. މިލަދޫ
22:00: ޒޯން 7: ގއ، ދެއްވަދޫ - ގދ. ވާދޫ
22:00: ޒޯން 7: ގއ. ވިލިނގިލި - ދަޑިމަގު
23:00: ޒޯން 7: ސ. ހިތަދޫ - ސ. ފޭދޫ












