މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މިލަދޫ ޓީމުން ޒޯން ބުރުގައި ވާދަކުރަން ނުކުންނާނީ ހާލަތުގެ ގޮތުން ހުރި ކަންތައްތަކަށް ވެސް ވިސްނައި، ޗެލެންޖެއްގެ ގޮތުގައި ނަަގައިގެން ކުރިއަށް ދިއުމަށް ކަމަށް އެ ޓީމުގެ ހަސަން އަބްދުލް ސަމަދު ބުނެފި އެވެ.
"އެންމެ ފުރަތަމަ ވެސް ހަމަ އަލްހަމްދުލިއްލާހި، މޮޅުވެގެން ރަށަށް ޗެމްޕިއަންކަން ލިބުނީތީ، އަލްހަމްދުލިއްލާހި. އަސްލު އެނގޭ ހޮޅުދޫ އަކީ ވެސް އަތޮޅުގެ ވަރަށް ގަދަ ބާރެއް ހަމަ. ގްރޫޕް ސްޓޭޖުގައި ވެސް އަހަރެމެން މިލަދޫ ޓީމު މި ބަލިވީ 3-2 ގެ ނަތީޖާ އަކުން. އެހެންވީމަ، މިލަދޫ ޓީމު ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން އައީ ރިވެންޖަކަށް ވަރަށް ބޮޑު އުންމީދަކާ އެކު، އަހަރެމެން އެއްވެސް ވަރަކަށް ހޯޕް ގެއްލުވާނުލައި، އަބަދުވެސް އުންމީދަކީ އަހަރެމެން އެކައްޗެއް ކިޔައިގެން ތަށި ނެގޭނޭ،" ފައިނަލް މެޗުގައި 2-0 އިން ހޮޅުދޫ ބަލިކުރި މެޗަށް ފަހު ހަސަން ބުންޏެވެ.
ފައިނަލް މެޗުގައި ތަފާތު ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މި އަތޮޅުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން ބުނީ، އެންމެ ބޮޑު ތަފާތެއް ދެއްކީ އެ ޓީމުގެ ސަޕޯޓަރުންނާއި މެނޭޖްމަންޓުން ކަމަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކޮންމެ މެޗެއް ވެސް އުނދަގޫވާނެ ކަމަކަށް ދެކިގެން، ކޮންމެ މެޗެއްގައި ވެސް މަސައްކަތް ކުރީ މޮޅެއް ހޯދުމަށް ކަމަށް ހަސަން ވަނީ ބުނެފަ އެވެ.
"ދެން، ހިތުގައި އަޒުމު ކަނޑައަޅައިގެން މި އިންނަނީ، ހޯޕް އިނދޭ ހަމަ މޮޅުވާނެ ކަމުގެ،" ހަސަން ބުންޏެވެ.
އޭނާ ބުނީ، ޒޯން ބުރަށް މިލަންދޫ ނުކުންނައިރު ވާދަކުރަން ޖެހޭނީ ވަރުގަދަ ޓީމުތަކާ ކަމުގައި ވިޔަސް އުންމީދު އެބައޮތް ކަމަށެވެ. އެކަމަކު، އޭނާ ވަނީ ޓީމަށް އޮތް ގޮންޖެހުމެއް ވެސް ހިއްސާކޮށްފަ އެވެ.
"މި ޓީމުގެ ގިނަ ކުދިން އުޅެނީ ރިސޯޓުތަކުގައި ޖޮބުގައި، ޒޯނަށް ނުކުންނައިރު، ސީދާ ފުރިހަަމަ ޓީމެއް ނުފެނިދާނެ އެކަމަކު، އުންމީދަކީ ޒޯންގައި ވެސް އިތުރު ޕްރެކްޓިސްތަކާ އެކު ކުރިއަށްދިއުން،" ހަސަން ބުންޏެވެ.
"ޓީމު މީނީ ވަރަށް ރަނގަޅަށް، ޒޯން ގައި ވެސް ފެންނާނީ ރަނގަޅަށް، އަސްލު ގޯލްޑަން ފުޓްސަލް ޗެލެންޖް މި ފަހަރު މިލަދޫ ޓީމުގެ އެންމެ ބޮޑު ހުރަހަކަށްވީ ރަނގަޅު ގިނަ ޕްރެކްޓިސް ނުލިބުން، މުބާރާތުގެ ކުރިން ލިބުނީ ރަނގަޅު ހަތަރު ޕްރެކްޓިސް. އެހެންވީމަ، އިރާދަކުރެއްވިއްޔާ ޒޯނަށް ނުކުންނާނީ ވެސް މި ހުރިހާ އެއްޗެއް އެނގިހުރެ ޗެލެންޖަކަށް ނުކުންނާނީ،"
ޒޯން ބުރުގައި މިލަދޫ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ މިލަންދޫއާ ދެކޮޅަށެވެ. މި ޒޯނުގައި މި ފަހަރު ވާދަކުރަނީ، މިލަންދޫ، މިލަދޫ، އިނގުރައިދޫ، ދުވާފަރު އަދި ކަނޑިތީމު އެވެ.












