ފައިނަލުގައި ނޭކުރެންދު އަތުން 3-0 އިން މޮޅުވެ، ނައިވާދޫން ހަތް ވަނަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގޯލްޑަން ބޭއްވި ނުވަ އަހަރުގެ ތެރެއިން، އެންމެ ގިނައިން ހދގެ ތަށި ހޯދީ ނައިވާދޫންނެވެ. އެ ޓީމުން ތަށި ހޯދި އަހަރުތަކަކީ، 2016، 2018، 2019، 2022، 2023، 2024 އަދި 2025 އެވެ.
ފައިނަލު މެޗުގައި ނައިވާދޫން ވަނީ ނޭކުރެންދޫ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ މޮޅުވެފަ އެވެ.
މެޗުގައި ނައިވާދޫގެ ލަނޑުތައް ޖެހީ، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ)ގެ އިތުރުން މުހައްމަދު ޝާއިން (ޝާއިންޓެ) އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ، ޝާއްޕެ އަށެެވެ.
މި އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނައިވާދޫގެ ޝާއިންޓެ އެެވެ.
މިދިިޔަ އަހަރު، ނައިވާދޫން ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ނޮޅިވަރަމުގެ މައްޗަށް ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ނައިވާދޫ މިދިޔަ އަހަރު ވަނީ ޒޯން އެކެެއްގެ ފައިނަލުން ބަލިވެފަ އެވެ. ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ހޯދީ ނައިވާދޫ ޕެނަލްޓީގައި ބަލިކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެކަމަކު ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް ކުރިހޯދީ 7-6 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރު ނައިވާދޫ މުބާރާުތުން ކެޓީ، ޕެނަލްޓީ ޖަހައިގެން، ގަދަ 16 ބުރުގައި، ލ. ގަން އަތުން ބަލިވެގެންނެވެ.












