ރާއްޖެ-ޗައިނާ އެފްޓީއޭއާމެދު ކަންބޮޑުވުން ފާޅުކޮށް ސިޔާސަތު ބައްޓަންކުރާއިރު އެކަމަށް ވިސްނާނެ ކަމަށް އިންޑިއާއިން ބުނެފި

Feb 1, 2025, 9:17 AM
ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް އަހަރަކު 40 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް އިންޑިއާއިން ލަފާ ކުރޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ޗައިނާ އެފްޓީއޭގެ ސަބަބުން ރާއްޖެއަށް އަހަރަކު 40 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް އިންޑިއާއިން ލަފާ ކުރޭ -- ފޮޓޯ: ރައީސް އޮފީސް

މި ޖެނުއަރީ މަހު އަމަލު ކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމެންޓާމެދު ކަންބޮޑުވުން ފާޅުކޮށް، ސިޔާސަތުތައް ބައްޓަން ކުރާއިރު އެކަމަށް ވިސްނާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އެފްޓީއޭގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށް، ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރު ޖައިސްވާލު ވިދާޅުވި އެވެ. މާލީ ހާލަތު ދަށްއިރު، ރާއްޖެއަށް ލިބެން އޮތް އާމްދަނީއެއް މަދުވުމަކީ އިންޑިއާގެ ކަންބޮޑުވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އެގްރިމެންޓުގެ ސަބަބުން ރާއްޖެއަށް އާމްދަނީއެއް މަދުވާނެ. އެއީ [އަހަރުމެންގެ] ކަންބޮޑުވުމެއް. އަދި އޭގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ދުރު ރާސްތާގައި ނުރަނގު އަސަރުތަކެއް ކުރާނެ. އަހަރުމެންގެ ސިޔާސަތުތައް ބައްޓަން ކުރާއިރު، އެކަމަށް ވިސްނަންޖެހޭނެ،" ޖައިސްވާލު ވިދާޅުވި އެވެ.

ޗައިނާ އެފްޓީއޭގެ ސަބަބުން ދިވެހި ސަރުކާރަށް އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު ގެއްލޭނެ ކަމަށް އިންޑިއާއިން ލަފާ ކުރެ އެވެ. އަދި ތުރުކީއާއެކު ހެދި އެފްޓީއޭގެ ސަބަބުން ވެސް ގާތްގަނޑަކަށް އެވަރު ގެއްލޭނެ ކަމަށް އިންޑިއާއިން ދެކެ އެވެ.

އޭގެ އިތުރުން، ޗައިނާ އެފްޓީއޭގެ ސަބަބުން "ރީޖަނަލް ޓްރޭޑް އިމްބެލެންސް" އަކަށް ދާނެ ކަމަށް ވެސް އިންޑިއާއިން ލަފާ ކުރެ އެވެ. ރީޖަނަލް ޓްރޭޑް އިމްބެލެންސްއަކީ އެ ސަރަހައްދަކަށް އިމްޕޯޓު ކުރާ މިންވަރު، އެކްސްޕޯޓު ކުރާ އަދަދަށް ވުރެ އިތުރުވުމެވެ.

ރާއްޖެއިން ޗައިނާއާއެކު އެފްޓީއޭގައި ސޮއި ކުރީ 2017 ވަނަ އަހަރެވެ. އެކަމަކު، އެގްރިމަންޓަށް އަމަލު ކުރަން ފެށީ މި ޖެނުއަރީ މަހެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެގްރިމަންޓަށް އަމަލު ކުރަން ފަށާނެ ކަމަށް ވެސް ކުރިން ސަރުކާރުން ބުންޏެވެ. އެކަމަކު، އަމަލު ކުރުން ފަސް ކުރީ އެވެ.

ރާއްޖެއިން ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާއިން ވަނީ އޮކްޓޯބަރު، 2024، ގައި ރޯލްއޯވާ ކޮށްދީފަ އެވެ. ރޯލްއޯވާ ކުރުމަކީ ލޯނު ދައްކަންޖެހޭ ތާރީހުތަކަށް ބަދަލު ގެނައުމެވެ. އޭގެ އިތުރުން، އިންޑިއާއިން ވަނީ 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން ރުޕީސް (400 މިލިއަން ޑޮލަރު) ގެ ކަރަންސީ ސްވޮޕެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފަ އެވެ.

ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރިފައިނޭންސް ކުރަން ވެސް ރާއްޖެއިން ވަނީ އޮކްޓޯބަރު، 2024، ގައި ލޯނެއް ނަގައިފަ އެވެ. އެއީ 74 މިލިއަން ޑޮލަރުގެ ލޯނެކެވެ. ޗައިނާއިން ލޯނު ނެގީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރިފައިނޭންސް ނުވަތަ ރިސްޓްރަކްޗާނުކޮށް ލޯނުތައް ދެއްކުން ކަމަށް ޗައިނާއިން ބުނެފައި އޮއްވަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ކެމްޕެއިނަކަށްފަހެވެ. ވެރިކަމަށް ވަޑައިގެން ގުޅުން ބަދަހި ކުރަން މަސައްކަތް ކުރީ ޗައިނާއާއެކު އެވެ. އެއާއެކު ރާއްޖެ-އިންޑިއާ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ނަމަވެސް މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއަށް ބޭނުންވާ ބޭރުގެ އިންވެސްޓްމެންޓުތައް ސަރުކާރުން ލަފާ ކުރި ގޮތަށް ނުވަނުމުން އިންޑިއާއާއެކު އަލުން ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ފެށި އެވެ. އިންޑިއާއިން މާލީ އެހީތެރިކަން ދިނުމަށް އެއްބަސްވީ ބަދަލުގައި ބައެއް ކަންކަން ކޮށްދޭން ސަރުކާރުން އެއްބަސްވުމުންނެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅުގައި އިންޑިއާއިން އަޅާ އަސްކަރީ ބަނދަރަށް އެއްބާރުލުން ދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox