ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރަން ނިންމީ، ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. އެގޮތުން ސެޕްޓެމްބަރު، 2024، ގައި އެ ރަށު ކައުންސިލް މެންބަރުން ވަނީ ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފްއާ ވެސް ބައްދަލުކޮށް އެ މަޝްވަރާކޮށްފަ އެވެ.
ނަމަވެސް އޭރު އެ ރަށުގެ ރައްޔިތުން ބޭނުންވީ ކ. ތުލުސްދޫއަށް ބަދަލުވާންށެވެ. ހަނިމާދޫ އަކީ އެ ރަށު ރައްޔިތުން ބަދަލުވާން ބޭނުންވެގެން ސިޓީ ފޮނުވި ދެވަނަ ރަށެވެ.
ހިރިމަރަދޫ ކައުންސިލުގެ މެންބަރު މުހައްމަދު އަރުޒަން އެ ދުވަހު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކަމާ ބެހޭ އިދާރާތަކުގެ އިތުރުން ދެ ރަށެއްގެ ކައުންސިލާ ވެސް ރަށުން ރައްޔިތުން ބަދަލުވުމުގެ ވާހަކަ ދައްކާފައިވާ ކަމަށެވެ.

ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.












