ފައިނަލުގައި 2-0 އިން ނައިފަރު ބަލިކުރުމަށް ފަހު ކުރެންދޫން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޅ، އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ނަތީޖާއާ އެކު، މި ފަހަރު ވެސް ޒޯނު ބުރުގައި ޅ. އަތޮޅު ތަމްސީލްކުރާނެ ހަމައެކަނި ޓީމަކީ ކުރެންދޫ އެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޅ. އަތޮޅުގެ ހަތަރު ޓީމު ބައިވެރިވިއިރު، އެ ޓީމުތަކުގެ މެދުގައި ކުޅުނު ލީގު ބުރުގެ އެއް ވަނަ ހޯދީ ނައިފަރެެވެ. އެއީ ލީގު ބުރުގެ ފަހު މެޗުގައި ކުރެންދޫގެ މައްޗަށް 3-1 އިން ކުރިހޯދައިގެންނެވެ. އެކަަމަކު، ފައިނަލް މެޗުގައި ކުރެންދޫ ފެނުނީ ތަޖުރިބާގެ ބޭނުންކޮށް ރަނގަޅަށް ކުޅެގެން މޮޅުވި ތަނެވެ.
ފައިނަލް މެޗުގައި ކުރެންދޫގެ ލަނޑުތައް ޖެހީ އަލީ އިބްރާހިމް (އައްޔަ) އާއި މުހައްމަދު ރަފްހާން އަބްދުލް ގައްޔޫމް އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރުން ފޮނުވާލި ގިނަ ބޯޅަތަކެއް ހިފެހެއްޓި ކުރެންދޫގެ ކީޕަރު، އިބްރާހިމް މީސަމް އެވެ. ޅ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ނައިފަރުގެ އިބްރާހިމް ޝަރީފް (އިއްބެ) އެވެ.
ކުރެންދޫން ޒޯނުގައި ކުޅޭނީ ބ. އަތޮޅު ޗެމްޕިއަން، އޭދަފުށްޓާއި ކ. އަތޮޅުގެ ފައިނަލަށް ދަތުރުކުރި، މާފުށްޓާއި ކާށިދޫ އެވެ.












