ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ގަން ބަލިކުރުމަށް ފަހު އިސްދޫން ފުރަތަމަ ފަހަރަށް، ލ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، އިސްދޫން ފައިނަލުގައި ކުޅުނު ފަސް ވަނަ ފަހަރެވެ. އެ ޓީމަށް މި ފަހަރު އަތޮޅު ތަށި ލިބިގެންދިޔައިރު، މިިދިޔަ އަހަރުގެ ފައިނަލުގައި ގަން އަތުން ބަލިވީ ފަހު ވަގުތުގަ އެވެ. މި ފަހަރުގެ ފައިނަލުގައި ގަމާ ދެކޮޅަށް ހިތްވަރުގަދަ ކުޅުމެއް ދައްކައި ޕެނަލްޓީގައި ކުރިހޯދީ އެވެ.
ގަމުން ފައިނަލުގައި ލީޑުނެގީ، އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ގޯލުންނެވެ. އިސްދޫން ކެނޑިނޭޅި މަސައްކަތްކޮށް ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބުކުރިއިރު، އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ، އަލީ ހުމޭޒު އެވެ.
ޕެނަލްޓީގައި ގަމަށް އެންމެ ބޮޑު ހާސްކަމެއް ކުރިމަތިވީ އެ ޓީމުގެ އައްމަޑޭ އާއި އަބްދުﷲ ޖުނައިދު (ޖެންނޭ) ފުރަތަމަ ދެ ޕެނަލްޓީ ފޮނުވާލަން ގޮސް ކާމިޔާބުނުވުމުންނެވެ. މި މެޗުގައި ގަމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ، މުހައްމަދު ރައްޒާން އާއި މުހައްމަދު މުސްލިހު (މުއްޓި) އެވެ. އިސްދޫ އަށް ވެސް އެއް ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުން ޕެނަލްޓީތައް ވައްދާލީ، ހުމޭޒުގެ އިތުރުން، ހުސެއިން އަފްހާން އަދި ލޫތު އަހުމަދު ފަތުހީ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ މެޗުގެ އިތުރުން ޕެނަލްޓީގައި ތަފާތު ދެއްކި އިސްދޫގެ ކީޕަރު ވިސާމް އަބްދުﷲ އެވެ.
ޖެހިޖެހިގެން ދެ ވަނަ އަހަރު ލ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުމޭޒު އެވެ. އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ގަމުގެ އައްމަޑޭ އެވެ.
ޒޯނުގައި އިސްދޫ އާއި ގަމާ ދެކޮޅަށް ކުޅޭނީ ތ. އަތޮޅުގެ ޗެމްޕިއަން، ތިމަރަފުށްޓާއި ރަނަރަޕް ހިރިލަންދޫ އެވެ.












