ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތ. އަތޮޅު ފައިނަލުގައި ހިިރިލަންދޫ އަތުން 2-1 އިން މޮޅުވެ، ތ. ތިމަރަފުށިން އަތޮޅު ޗެމްޕިއަންކަން ހަތް ވަނަ ފަހަރަށް ހޯދައިފި އެވެ.
ތިމަރަފުށިން އަތޮޅު ތަށި ހޯދި އަހަރުތަކަކީ، 2016، 2017، 2018، 2019، 2022، 2024، އަދި 2025 އެވެ.
ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި ހިރިލަންދޫން މިރޭގެ ފައިނަލާ ހަމައަށް މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެކަމަކު، ތިމަރަފުށިން ވަނީ ފަސް މެޗުގެ ތެރެއިން ގްރޫޕްގެ ފަހު މެޗުގައި، އޮމަދޫ އަތުން ބަލިވެފަ އެވެ.
ރަނގަޅު ދުވެލީގައި މެޗުގެ ކުޅުން ފަށައި، އަވަހަށް ކޮންޓްރޯލް ނަގައިގެން އެޓޭކް ކުރަން ފެށި ތިމަރަފުށިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ތޯހިރު އާއި އަފްލާޒް އަހުމަދު އެވެ.
ދެ ވަނަ ހާފަށް ކުޅެން އަރައި، ހިރިލަންދޫން ބޯޅަ ހިފަހައްޓައިގެން ކުޅެ ތިމަރަފުށީގެ ގޯލަށް ނުރައްކާ ކުރި އެވެ. މި މެޗުގައި ހިރިލަންދޫގެ ހަމައެކަނި ގޯލު ޖެހި ހާފުގެ މެދެއްހާ ހިސާބުން އަހުމަދު މުފީދު އެވެ. އޭގެ އިތުރުން އެ ޓީމުން ދެން ގޯލެއް ޖަހަން ކުރި އެޓޭކުތައް ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ވަނީ މަތަކޮށްފަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުން މިހާތަނަށް ކުރިއަށްދާ ނުވަ މުބާރާތުގެ ތެެރެއިން ހަތް ފަހަރު ތިމަރަފުށިން ވަނީ ތ. އަތޮޅުގެ ތަށި ހޯދައިފަ އެވެ. މި ފަހަރު ފައިނަލު މެޗުގެ އާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކީ، ތިމަރަފުށީގެ އަފްލާޒް އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ހިރިލަންދޫގެ މުހައްމަދު ނިޝާހު (ނިއްކޮ) އެވެ.
ޒޯނުގައި ތިމަރަފުށްޓާއި ހިރިލަންދޫން ކުޅޭނީ ލ. އަތޮޅުގެ ޗެމްޕިއަންކަން، ހޯދި އިސްދޫ އާއި އެ އަތޮޅު ރަނަރަޕް، ގަމާ އެވެ. އެތަނުން، ދެ ޓީމެއް، މުބާރާތުގެ ގަދަ 16 އަށް ދަތުރުކުރާނެ އެވެ.












