މެންޗެސްޓާ (ޖެނުއަރީ 30) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި 3-1 އިން ކްލަބް ބްރޫޖް ބަލިކޮށް މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފި އެވެ.
ރޭގެ މެޗުން މޮޅުވެގެން ނޫން ގޮތަކަށް ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ކުރިއަށްދިއުމުގެ ފުރުސަތެއް ނެތެވެ. އެ ޓީމަށް ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއް ގޯލު ފަހަތުގައި އޮވެ އެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ބްރޫޖްގެ ރަފައެލް އޮންޔެޑީކާ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ކުޅެން އަރައި، ސިޓީން ލަސްތަކެއް ނުވެ އެއްވަރުކުރި އެވެ. މެދުތެރެއިން ލިބުނު ޖާގައަކުން ދުވެފައި އަރައި، އޭރިއާ ރޮނގުކައިރީގައި ހުރެފައި، ސިޓީގެ މަޓެއޯ ކޮވަސިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
ސިޓީން އެއްވަރުކުރިތާ މާގިނައިރެއްނުވެ، ލީޑުނެގި އެވެ. މިއީ ސިޓީގެ ފުލްބެކް، ޖޮސްކޯ ގްވާޑިއޯލް ނެގި ހުރަހެއް ބްރޫޖްގެ ޖޯލް އޮޑޯނޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން، ސިޓީގެ ތިން ވަނަ ގޯލު ޖެހީ ސަވީނިއޯ އެވެ. ސަވީނިއޯ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.
ޗެމްޕިއަންސް ލީގުގެ އާ ފޯމެޓުގައިވާ ގޮތުން، ލީގު ބުރުުގެ ގަދަ އަށް ޓީމަށް ސީދާ ގަދަ 16 އިން ޖާގަ ލިބޭއިރު، ލީގުގެ 9-24 ގައި ހިމެނޭ ޓީމުތައް ކުޅޭނީ ޕްލޭއޮފުގަ އެވެ. ރޭގެ މެޗު ފެށިއިރު، ސިޓީ 25 ވަނައިގައި އޮތްއިރު، ލިބުނު ތިން ޕޮއިންޓާ އެކު އެ ޓީމު ވަނީ، 22 ވަނަ އަށް ޖެހިލައިފަ އެވެ.












