ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި އަތޮޅު ބުރުގެ މެޗުތައް ނިމެން ގާތްވެފައިވާއިރު، ޒޯން ބުރުގެ ކުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭއިރު، އެންމެ ވަރުގަދަކޮށް އޮތް ޒޯން ހަތެއްގައި ވާދަކުރަން ވާދޫން ނުކުންނާނީ ބޮޑު އަޒުމެއްގައި ކަމަށް އެ ޓީމުގެ ތަރި، ނަޝާހު އަހުމަދު (ނައްޓު) ބުނެފި އެވެ.
ގދ.ގެ ޗެމްޕިއަންކަން، ވާދޫން ޖެހިޖެހިގެން ހަތަރު ފަހަރު ހޯދިއިރު، އެ އަތޮޅުގެ ބުރުގައި، މި ފަހަރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައްޓު އެވެ.
"އަނެއްހެން ބުނަންޏާ މިއީ ވަރަށް ބޮޑު ކާމިޔާބެއް. އެއީ، މިދިޔަ އަހަރު އަހަރެމެން، އޭގެ ކުރީ އަހަރު ފައިނަލުގައި ބަލިވެެގެން މިދިޔަ އަހަރު އައީ ސީދާ ފައިނަލަށް ދާންވެގެން، އެކަމު، ކަންދިމާވި ގޮތުން ވަރަށް ދެރަކޮށް ދިޔައީ، އެއީ، ޕްރެކްޓިސްތައް އަހަރެމެން ތަންކޮޅެއް ފަރުވާކުޑަކޮށްލުމާ، ދެން، އަނެއްކާ މި އަހަރު އާ އަޒުމަކާ އެކީ މި ނުކުތީ ސީދާ ތަށްޓަށް، މެޗަކަށް ފަހު މެޗެއް އިރާދަކުރެއްވިއްޔާ އަހަރެމެން ދާނީ ތަށްޓާ ހަމައަށް،" ނައްޓު ބުންޏެވެ.
ވާދޫން ވަނީ 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކުޅެފަ އެވެ. އެ ފަހަރު ފައިނަލުގައި ގަން އަތުން ބަލިވީ މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ ގިނަ ލަނޑާ އެކު، 8-4 އިންނެވެ. މިދިޔަ އަހަރުގެ ޒޯން ބުރުގައި، ވާދަކޮށް ވާދޫ އަށް މުބާރާތް ނިމުނީ، ހިތަދޫ އަތުން 4-1 އިން ބަލިވުމުންނެވެ.
ނައްޓު ބުނީ މިދިޔަ އަހަރު ކަންކަން ދިޔަ ގޮތާއި މި ފަހަރު ޒޯނުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު ވާދޫން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
"ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ (ޒޯނަށް)، އެއީ މިދިޔަ އަހަރަށް ވުރެ ޓަފް ވާނެ. އަނެއްހެން ބުނަންޏާ، ދެއްވަދޫ އަށް ބަލަންޏާ އެ އޮތީ ޗެމްޕިއަން ކަހަލަ ޓީމެއް. އެހެންވީމަ، އަހަރެމެން ދާނީ (ޒޯން) ގްރޫޕް ސްޓޭޖު ބަހާލާއިރު އެ ފަޅިއަށް ކަންނޭނގެ. ފުރަތަމަ މެޗު މިއޮތީ ފުވައްމުލަކާ، ހީވާ ގޮތުން ވިއްޔާ ފުވައްމުލަކާ، ތިން ދުވަސް މި ލިބެނީ ޕްރެކްޓިސް ކޮށްލަން ވަރަށް ޓަފްކޮށް ޓީމު މި އޮތީ، މަސައްކަތް ކުރާނަން ޒޯނުގައި ވެސް ތަށި ނަގާލެވޭތޯ،" ނައްޓު ބުންޏެވެ.
ޒޯން ހަތެއް ދެ ގްރޫޕަކަށް ބެހޭއިރު، ގްރޫޕް އެކެެއްގައި އޮތީ، ގއ. ޗެމްޕިއަން، ދެއްވަދޫ، ގއ. ރަނަރަޕް، ވިލިނގިލި، ގދ. ޗެމްޕިއަން، ވާދޫގެ އިތުރުން، ޏ. ފުވައްމުލަކު ދަނޑިމަގު ޓީމެވެ. ޒޯން ހަތެއްގެ ގްރޫޕް ދޭއްގައި އޮތީ، އައްޑޫގެ ޗެމްޕިއަން، ފޭދޫ އާއި ރަނަރަޕް، ހިތަދޫގެ އިތުރުން، ގދ.ގެ ރަނަރަޕް ގައްދޫ އެވެ. މި ދެ ގްރޫޕުން އެއް ވަނަ އާއި ދެ ވަނަ ޓީމުގެ މެދުގައި، ސެމީ ފައިނަލެއް ކުޅެ ފައިނަލަށް ދާ ދެ ޓީމަކަށް މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
ނައްޓު ބުނީ ވާދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނެރޭ ނަތީޖާތަކުގެ ފަހަތުގައި އޮތީ އެ ރަށުގެ ސަޕޯޓަރުން ދޭ ހިތްވަރު ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.












