ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ނ. އަތޮޅުގެ ފައިނަލުގައި 2-0 އިން ހޮޅުދޫ ބަލިކޮށް، އެ ޓީމުގެ ކައިރިން ބަދަލުހިފައި، މިލަދޫން ފުރަތަމަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
ނ. އަތޮޅުން މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރީ ތިން ޓީމެވެެ. އެ ގޮތުން، ލީގު ބުރެއް ކުޅުނުއިރު، ހޮޅުދޫން ވަނީ ދެ މެޗުން ވެސް މޮޅުވެފަ އެވެ. އޭގެ ތެރޭގައި، ލީގު ބުރުގައި، މިލަދޫ އަތުން 3-2 އިން މޮޅުވި މެޗު ހިމެނެ އެވެ.
އެކަމަކު، ފައިނަލް މެޗުގައި މިލަދޫގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ރަނގަޅު ކުޅުމެކެވެ. ހޮޅުދޫ އަށް މާ ބޮޑު ފުރުސަތުތަކެއް ނުދީ އަތޮޅު ތަށި ހޯދީ އެވެ.
ފައިނަލް މެޗުގައި ހޮޅުދޫ އާއި މިލަދޫ އަށް ފުރަތަމަ ހާފުގައި ދިޔައީ ގޯލެއް ނުޖެހި އެވެ. އެކަމަކު، ދެ ވަނަ ހާފުގައި މިލަދޫން އެޓޭކަށް ދާ ބޯޅަތައް ގިނަކޮށް ހޮޅުދޫގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. ނަތީޖާ އަކަށް ވީ ހަސަން އަބްދުލް ސަމަދު މިލަދޫ އަށް ލީޑުނަގައިދިނުމެވެ. އޭނާ މި ގޯލު ޖެހީ ގޯލުގެ ހަނި އޭންގަލުން ގޯލަށް ފޮނުވާލައިގެންނެވެ.
ހޮޅުދޫން އެއްވަރުކުރެވޭތޯ ކުރިއަށް އަރައިގެން ކުޅުނު ވަގުތެއްގައި، މިލަދޫގެ ދެ ވަނަ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަސަން އެވެ. އޭނާ އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ އޮއްސިގެން ގޮސް ވަނީ ގޯލަށެވެ.
ނ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޮޅުދޫގެ އަބްދުލް ވަދޫދު ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިއަކީ، މިލަދޫގެ ހަސަން އެވެ.












