ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގދ. ފައިނަލުގައި ގައްދޫ އަތުން 3-0 އިން މޮޅުވެ، ވާދޫން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ވެސް މީގެ އެއް އަހަރު ކުރިން ވާދަކުރި ވާދޫ އަތުން އަތޮޅުގެ ރަސްކަން އަތުލެވޭނެ އެހެން ޓީމެއް އަދި ފެނިފައިނުވެ އެވެ. އެ ޓީމުން އެންމެ ފަހުން ބޭއްވި ހަތަރު ފަހަރު ވެސް ތަށި ހޯދާފައިވަނީ މޮޅަށް ކުޅެގެންނެވެ.
މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދޫން ގައްދުއާ ބައްދަލުކުރި މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. އެކަމަކު، ފައިނަލަށް ނުކުމެ، ވާދޫން ވަނީ ތަޖުރިބާގެ ބޭނުން ވެސް ރަނގަޅަށް ހިފައި ފުރިހަމަ މޮޅެއް ހޯދައިފަ އެވެ.
ފައިނަލް މެޗުގައި ވާދޫގެ ގޯލުތައް ޖަހައިދިނީ، މުހައްމަދު ނާއިލް އެވެ. ނާއިލް ވަނީ އަތޮޅު ފައިނަލުގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދައިފަ އެވެ. އަޔާޒް އަހުމަދު (އަޔާ)ގެ ކެޕްޓަންކަމުގައި ކުޅޭ ވާދޫން މި މެޗުގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއްް ހޯދި ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ.
މަދުން ނަމަވެސް، ގައްދޫން ވަނީ ވާދޫ އަށް ނުރައްކާކޮށްފަ އެވެ. އެކަމަކު، އަހުމަދު ވިޝާލް (އަންދު) ކޯޗުކޮށްދޭ ވާދޫ ކޮޅަށް ފައިނަލް މެޗުގައި ގޯލެއް ނުވަދެ އެވެ.
ގދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ނަޝާހު އަހުމަދު (ނައްޓު) އެވެ.
ވާދޫ އާއި ގައްދޫ ހިމެނޭ، ޒޯން ހަތެއްގައި ދެން އޮތީ، ގއ. އަތޮޅުގެ ޗެމްޕިއަން، ދެއްވަދޫ އާއި ރަނަރަޕް، ވިލިނގިލިީގެ އިތުރުން، ޏ. ފުވައްމުލަކު ދަނޑިމަގު އަދި އައްޑޫގެ ޗެމްޕިއަން، ފޭދޫ އާއި ރަނަރަޕް ހިތަދޫ އެވެ. ޒޯން ހަތެއްގެ ކުޅުން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.












