ފަހަތުން އަރައި 3-1 އިން އެންމެ ފަހުގެ އަތޮޅު ޗެމްޕިއަން، ދުވާފަރު ބަލިކޮށް، އިނގުރައިދޫން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ރ އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ފަހަރުގެ މުބާރާތުގައި އިނގުރައިދޫން މި ވަނީ ދެ ފަަހަރެއްގެ މަތިން ދުވާފަރު ބަލިކޮށްފަ އެވެ. އެންމެ ފަހުން، އިނގުރައިދޫން 2023 ވަނަ އަހަރު ރ. އަތޮޅުގެ ތަށި އުފުލާލީ ވެސް ދުވާފަރު ބަލިކޮށްފަ އެވެ. އެކަމަކު، މިދިޔަ ފަހަރު ސެމީ ފައިނަލުން ކެޓީ އެވެ. މި އަހަރުގެ ފައިނަލުގައި އިނގުރައިދޫން ވަނީ މޮޅު ކުޅުމެއް ދައްކައި، އަނެއްކާ ވެސް އަތޮޅު ތަށި ކާމިޔާބުކޮށްފަ އެެވެ.
ފޯރިގަދަ ފައިނަލެއްގެ ގޮތުގައި ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ދުވާފަރުންނެވެ. މުހައްމަދު އިޝާމް (ޝަންޓެ) ކުރިއަށް އަރައި، ދިން ބޯޅައަކުން މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، މުސްލިމް މުހައްމަދު އެވެ.
އިނގުރައިދޫން ކައުންޓާގައި އަރައި ރަނގަޅު އެޓޭކްތަކެއް ކުރިއިރު، އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ، އަހުމަދު މަޝީދު އެވެ. އިނގުރައިދޫން ލީޑުނެގީ، ފަހަތު ހުރެފައި އެޓޭކަށް އަރައި، އައިހަމް އަހުމަދު (އައިހު) ޖެހި ގޯލުންނެވެ.
ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރެވޭތޯ ދުވާފަރުން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ދެން ވެސް މެޗުގައި ގޯލު ޖެހީ އިނގުރައިދޫންނެވެ. މި ގޯލު ޖެހީ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި މަޝީދު އެވެ.
ރ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ، އަލިފުށީ ޓީމުގެ އަހުމަދު ހުސާމް (ހުސާންކޮ) އަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ، އައިހު އެވެ.












