ޓޫރިޒަމް ވިޔަފާރިތަކަށް ފަސޭހައިން ބޭރު ފައިސާ މާރު ކުރެވޭ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕްލެޓްފޯމެއް ގާއިމުކޮށްފި އެވެ.
ބީއެމްއެލް އިން އެ ޕްލެޓްފޯމް ގާއިމުކުރީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރު ކުރެވޭ ގޮތަށެވެ.
ބީއެމްއެލްއިން ބުނީ އެ ހިދުމަތަކީ ބޭރު ފައިސާގެ ގާނޫނާއި އެމްއެމްއޭގެ ބޭރު ފައިސާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ހިދުމަތެއް ކަމަށެވެ.
"މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ މެންޑޭޓަރީ އެކްސްޗޭންޖް ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ،" ބީއެމްއެލްއިން ބުންޏެވެ.
އެ ޕްލެޓްފޯމު މެދުވެރިކޮށް ބީއެމްއެލްއަށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާ އަށެވެ.
އެ އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާ ވެސް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.











