ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ދެއްވަދޫން ޒޯން ބުރަށް ނުކުންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކެޕްޓަން، އަހުނަފް ރަޝީދު (އަހުއްކޮ) ބުނެފި އެވެ.
ދެއްވަދޫން ފުރަތަމަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭގެ ފައިނަލުގައި، 9-1 އިން ވިިލިނގިލި ބަލިކުރުމަށް ފަހު އެވެ. މި ފަހަރުގެ މުބާރާތަށް، ކުޅުންތެރިން ހޯދައިގެން ވަރުގަދަ އަށް ތައްޔާރުވި ދެއްވަދޫން އަތޮޅު ބުުރު ވަނީ ޑޮމިނޭޓްކޮށްފަ އެެވެ.
"އަލްހަމްދުލިއްލާހި ވަރަށް ބޮޑު ކާމިޔާބެއް، ދެއްވަދޫ ތާރީހުގައި އަދި އަލަށް ގޯލްޑަންގެ އަތޮޅު ތަށި ދެއްވަދޫ އަށް މި ލިބުނީ، ވަރަށް އުފާވޭ،" އަހުއްކޮ ބުންޏެވެ.
މި ފަހަރުގެ ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އަހުއްކޮ އެވެ. އަހުއްކޮ ބުނީ އަތޮޅު ބުރުގައި ދެއްވަދޫން މި ހޯދި ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ، ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) އާއި މުޅި ޓީމުން އެކުވެގެން ކުރި މަސައްކަތް ކަމަށެެވެ.
"މިއީ ހުރިހާ އެންމެންގެ މަސައްކަތް ހާއްސަކޮށް ކޯޗުގެ އިރުޝާދުގެ ދަށުން ހުރިހާ އެންމެން ބުރަކޮށް މަސައްކަތް ކުރުމުގެ ނަތީޖާ މިއީ،" އަހުއްކޮ ބުންޏެވެ.
ޒޯން ބުރުގައި ދެއްވަދޫ ކުޅެން ޖެހޭނީ އެންމެ ވަރުގަދަ ޒޯނުގަ އެވެ. އެ ގޮތުން، ޒޯން ހަތެއްގައި ހިމެނެނީ، ގއ. އަތޮޅުގެ ޗެމްޕިއަން، ދެއްވަދޫ އާއި ރަނަރަޕް، ވިލިނގިލި، ގދ.ގެ ފައިނަލުގައި ކުޅޭ ވާދޫ އާއި ގައްދޫގެ އިތުރުން، ޏ. ފުވައްމުލަކު ދަނޑިމަގު އަދި އައްޑޫގެ ފައިނަލަށް ދިޔަ، ހިތަދޫ އާއި ފޭދޫ އެވެ.
"މިހާރު މި އޮތް ލެވަލަށް ވުރެ އިތުރު ހަރުފަތްތަކެއް ހިއްލާލައިގެން، އަޅުގަނޑުމެން ޒޯނު ނެގޭނީ، އިރާދަކުރެއްވިއްޔާ މި އަށް ވުރެ ވަރުގަދަކޮށް ޒޯނަށް ނުކުންނާނަން،" ޒޯން ބުރާ ބެހޭގޮތުން އަހުއްކޮ ބުންޏެވެ.
ޒޯން ހަތެއްގެ ކުޅުން ފަށާނީ އަންނަ ހޮނިހިރު ދުވަހުގެރޭގަ އެވެ.












