ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ އދ. އަތޮޅު ފައިނަލުގައި، މަހިބަދޫ އަތުން 2-1 އިން މޮޅުވެ، އެ ޓީމުގެ ކައިރިން ބަދަލުހިފައި މަންދޫން ތާރީހީ ތަށްޓެއް ހޯދައިފި އެވެ.
މަންދޫން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި، 3-0 އިން މަހިބަދޫ އަތުން ބަލިވެފަ އެވެ. އެކަމަކު، އެންމެ ފަހުން، މިދިޔަ އަހަރު އދ. ޗެމްޕިއަންކަން ހޯދި މަހިބަދޫ އަށް މި ފަަހަރުގެ ފައިނަލުގައި މަންދޫ ބަލިކުރެވޭ ގޮތެއްނުވި އެވެ. މަންދޫން ވަނީ އަލަށް ކުޅުނު ފައިނަލުގައި އަތޮޅު ތަށި ހޯދައިފަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ މަހިބަދޫންނެވެ. އެ ޓީމުގެ ގޯލު ޖެހީ އާދަމް ފަހުމާން އެވެ. މިއީ މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ބޯޅައަކުން ފަހުމާން ބޮލުން ޖެހި ގޯލެކެވެ.
މަންދޫން އެއްވަރުކުރީ ފުރަތަމަ ހާފުގައި ކައުންޓަ އެޓޭކުގައި، ލިބުނު ފުރުސަތަކުން ހަސަން އިރުޝާދު ޖެހި ގޯލަކުންނެވެ. ދެ ވަނަ ހާފުގައި، ބަދަލަކަށް ކުޅެން އަރައި، މަންދޫ މޮޅުކޮށްދިން ލަނޑު ޖެހީ އިބްރާހިމް އިމްރާން (އިންމި) އެވެ. މިއީ ވެސް ކައުންޓަ އެޓޭކުގައި ބޯޅަ ހިފައިގެން އަރައި މަންދޫން ޖެހި ގޯލެކެވެ.
މެޗުގެ ފަހު ވަގުތުގެ ތެރޭގައި މަހިބަދޫ އަށް އެއްވަރުކޮށްދޭން ބިޗަޑް ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ވަނީ ބޭރުވެފަ އެވެ.
އދ.ގެ މޮޅު ކުޅުންތެރިއަކީ އިންމި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު މަންދޫގެ ކެޕްޓަން، އާދަމް އާޒިމް އެވެ. މި އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ، ދަގެނތީގެ ކެޕްޓަން، މުހައްމަދު ނާއިމް އެވެ.
މަހިބަދޫ އާއި މަންދޫ އަށް ވެސް ވަނީ ޒޯން ހަތަރަކުން ޖާގަ ލިބިފަ އެވެ. މި ޒޯނުގައި ދެން ހިމެނެނީ، އއ. ޗެމްޕިއަން، މަތިވެރި އާއި ރަަނަރަޕް، ތޮއްޑޫ އަދި ވ. ޗެމްޕިއަން، ކެޔޮދޫ އެވެ.












