ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރުގެ މުބާރާތުގެ ރ. އަތޮޅު ތަށި ދިފާއުކުރަން ދުވާފަރުން ފައިނަލުގައި ނުކުންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ތަރި، މުހައްމަދު އިޝާމް (ޝަންޓެ) ބުނެފި އެވެ.
ހަ ޓީމު ވާދަކުރި މި ފަހަރުގެ ރ. އަތޮޅު ބުރުގައި، ދުވާފަރުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން 2-1 އިން އިނގުރައިދޫ އަތުން ބަލިވެފަ އެވެ. ރ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން، ދުވާފަރުން، ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ ދެ ވަނަ މެޗުގައި، 7-1 އިން މީދޫ ބަލިކޮށްގެންނެވެ.
"އަސްލު ރާ އަތޮޅަކީ ވަރަށް ޓަފް ގްރޫޕެއް ދޯ. ވަރަށް އުނދަގުލުން ކޮންމެ ފަހަރަކު ފައިނަލަށް މި ދަނީ. ޓީމުވޯކާއި ސަޕޯޓަރުންނާ އެކީގައި ފައިނަލަށް މި ދަނީ. ވަރަށް ބޮޑު އުންމީދެއް އެބައޮތް މި ފަހަރު ތަށި ދިފާއުކުރެވޭނެ ކަމުގެ. އިރާދަކުރެއްވިއްޔާ، ފުރަތަމަ މެޗުން ބަލިވިޔަސް ދެން ނުކުންނާނީ ހިތްވަރާ އެކު، އިނގުރައިދޫ ބަލިކުރުމަށް، ތަށި ދިފާއުކުރުމަށް،" ރ. އަތޮޅު ސެމީ ފައިނަލުގައި، އަލިފުށި އަތުން ދުވާފަރު 4-1 އިން މޮޅުކޮށްދޭން އެހީތެރިވެ، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޝަންޓޭ ބުންޏެވެ.
ރ. އަތޮޅުގެ ފުޓްސަލް މުބާރާތުގައި ވެސް އެންމެ ފޯރިގަދަ ކުރިމަތިލުމަކީ ދުވާފަރާއި އިނގުރައިދޫގެ މެޗެވެ. އަދި ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވެސް އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓޭ މެޗަކީ، އިނގުރައިދޫ އާއި ދުވާފަރުގެ ކުރިމަތިލުމެވެ.
ޝަންޓޭ ބުނީ، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެންމެ ބޮޑު މުބާރާތް ކަމަށްވާތީ މީގެ މޮޅުވާން އިންނަ ޕްރެޝަރު ވެސް ތަފާތު ކަމަށެވެ.
"އަސްލު، ގޯލްޑަން އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކޮންމެ ގޮތެއް ވިޔަސް، އަތޮޅު (މުބާރާތް) އެ ގޮތަށް (ފޯރިގަދަކޮށް ދިޔަސް) ގޯލްޑަން މާ ތަފާތުވާނެ. ޕްރެޝަރު ވެސް އިންނާނެ. އެކަމަކު ވެސް ދުވާފަރު ޓަފްކޮށް ޖައްސާނެ،" ޝަންޓޭ ބުންޏެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ދުވާފަރުން ވަނީ 3-0 އިން އަލިފުށި ބަލިކޮށް ތިން ވަނަ ފަހަރަށް އަތޮޅު ތަށި އުފުލާލައިފަ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، ދުވާފަރުން ރ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ 2016، 2022 އަދި 2024 ވަނަ އަހަރު އެވެ. އިނގުރައިދޫން އެންމެ ފަހުން، ގޯލްޑަންގެ ރ. އަތޮޅު ތަށި ހޯދީ 2023 ވަނަ އަހަރު ފައިނަލުގައި ދުވާފަރު އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
މި އަހަރުގެ ފައިނަލުގައި ދުވާފަރާއި އިނގުރައިދޫ ކުޅޭ މެޗު އޮތީ، މާދަމާ ރޭ 9 ޖަހާއިރު އެވެ.












