ފައިނަލުގައި 1-0 އިން ފެލިދޫ ބަލިކޮށް، ކެޔޮދޫން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ކެޔޮދޫން ވަނީ ފެލިދޫގެ މައްޗަށް ދެ ލެގުގައި ވެސް ކުރިހޯދައިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވ އަތޮޅުން ވާދަކުރީ ހަމައެކަނި މި ދެ ޓީމު ކަމަށްވާތީ، ކުޅުނީ ދެ ލެގުގެ ފައިނަލް މެޗެެކެވެ. އެ ގޮތުން، ދެ ލެގަށް ބަލާއިރު، ކެޔޮދޫން ކުރިހޯދީ 7-2 އިންނެވެ.
މި ފަހަރުގެ މުބާރާތުގެ ލީގު ބުރުގައި ފެލިދޫން ވަނީ ކެޔޮދޫ އާއި ފުލިދޫ ބަލިކޮށްފަ އެވެ. އެކަމަކު، ފައިނަލުގައި ކެޔޮދޫ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ވަނީ ތަފާތު ދައްކައި، މެޗުން އެ ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.
މިރޭގެ ފައިނަލުގައި ކެޔޮދޫގެ ހަމައެކަނި ގޯލު ޖަހާފައިވަނީ ފުރަތަަަމަ ހާފުގައި، ލިތޯފް އަހުމަދު ފިރާގު އެވެ. އޭރިއާބޭރުން އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. މި މެޗުގެ ފަހު ވަގުތާ ހަމައަށް ފެލިދޫން އެޓޭކްކޮށް ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.
ވ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ތިން މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ލިތޯފް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ލިތޯފް އެވެ. މި އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ، އަހުމަދު ރަޝީދު (އައްމަޑޭ) އަށެވެ. އައްމަޑޭ ވަނީ ޖުމްލަ އެކު ތިން ގޯލު ޖަހައިފަ އެވެ.
ވ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި، ކެޔޮދޫން ވާދަކުރާނީ ޒޯން ހަތަރެއްގަ އެވެ. އެ ޒޯނުގައި ހިމެނެނީ، އއ. ޗެމްޕިއަން، މަތިވެރި، ރަނަރަޕް، ތޮއްޑޫގެ އިތުރުން ވ. އަތޮޅު ފައިނަލުގައި ވާދަކުރާ މަހިބަދޫ އާއި މަންދޫ އެވެ.












