ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާރަ ދުވަހު ހއ. އަތޮޅުގެ ރަށްތަކަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"އަދަދު" އަށް އެކި މަސްދަރުތަކުން ކަށަވަރު ވެފައިވާ ގޮތުގައި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ހިމެނޭ ޓީމަކާ އެކު ރައީސް މުއިއްޒު ހއ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ބާރަށާއި ދިއްދޫގެ އިތުރުން އެހެން ރަށްތަކަށް ވެސް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
ރައީސްގެ ދަތުރާ ގުޅޭ ގޮތުން މިހާތަނަށް ރައީސް އޮފީހުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި މި ދަތުރުގެ ތަފްސީލު ހޯދަން ރައީސް އޮފީހުގައި ތަކުރާރުކޮށް އެދުމުން ވެސް އެއްވެސް ތަފްސީލެއް ހިއްސާ ނުކުރެ އެވެ.
ރައީސް އަންގާރަ ދުވަހު ދިއްދޫއަށް ވަޑައިގަންނަވާތީ އެ ރަށުގެ ކައުންސިލުން ވަނީ އެމަނިކުފާނުގެ ދަތުރަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރަން އެމްޑީޕީއަށް އަންގައިފަ އެވެ.
މިދިޔަ ހަފުތާގައި ރައީސް ވަނީ ރ. އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފަ އެވެ. އެއީ އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ އަދި އުނގޫފާރަށެވެ.

އޭގެ ކުރިން މި މަހު ކުރީކޮޅު ރައީސް މުއިއްޒު ވަނީ ގދ. ހޯނޑެއްދޫ، ގދ. ނަޑެއްލާ، ގދ. ވާދޫ، ގއ. ފިޔޯރީ، ގއ. ކަނޑުހުޅުދޫ، ގއ. ނިލަންދޫ، ގއ. މާމެންދޫ އަދި ގއ. ދެއްވަދޫއަށް ވަޑައިގެންފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ މި މަހު އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
ވެރިކަމުގެ ފަސް އަހަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދެ ފަހަރެއްގެ މަތިން ދަތުރު ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން މިދިޔަ އަހަރު ވެސް އެ މަނިކުފާނު ވަނީ ގިނަ ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ދެވަނަ ފަހަރަށް ދަތުރުކުރަން 2027 ގަައި ފަށާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ.












