ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ދ. އަތޮޅުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫން ދަތުރުކޮށްފި އެވެ.
ކުޑަހުވަދޫން ފައިނަލުގެ ފަހު ޖާގަ ހޯދީ، އެ އަތޮޅުގެ ލީގު ބުރުގެ ފަހު މެޗުގައި މިރޭ ބަނޑިދޫ އަތުން 11-2 އިން މޮޅުވެގެންނެވެ.
ފައިނަލުގައި ކުޑަހުވަދޫން ކުޅޭނީ މާއެނބޫދޫއާ ދެކޮޅަށެވެ. ކުޑަހުވަދޫން ވަނީ ލީގު ބުރުގައި މާއެނބޫދޫ އަތުން 5-3 އިން ބަލިވެފަ އެވެ. މާއެނބޫދޫން ބަނޑިދޫ ބަލިކުރީ 12-0 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކުޑަހުވަދޫގެ ލަނޑުތައް ޖެހި ކުޅުންތެރިންނަށް ބަލާއިރު، ތަފާތު ހަ ކުޅުންތެރިއަކު ގޯލު ޖެހި އެވެ. އެ ގޮތުން، ހުސެއިން ޝަރީފް (އޮންލީ)ގެ ކޯޗުކަމުގައި ކުޅޭ ކުޑަހުވަދޫ އަށް ހުސެއިން އިފްހާމް ހެޓްރިކެއް ހަދައިދިންއިރު، ޖުމައިލް ޖަމީލް (ޖުމްބެ) އާއި މުހައްމަދު އަރީޝް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
ކުޑަހުވަދޫގެ އަނެއް ލަނޑުތައް ޖެހީ، ހާރޫން އިބްރާހިމް، ހުސެއިން އައިހަމް އަދި އަބްދުﷲ ސަރުމާދު އެވެ. ދެން ކުޑަހުވަދޫން ޖެހި ގޯލަކީ، ބަނޑިދޫގެ މޫސާ ލުފްސާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ބަނޑިދޫގެ ލަނޑުތައް ޖެހީ، އިބްރާހިމް ޒައިދާން އާއި އަލީ ސުހާން ހަސަން އެވެ.
ދ. އަތޮޅުގެ ފައިނަލުގައި ކުޑަހުވަދޫން މާއެނބޫދޫއާ ދެކޮޅަށް މި ފަހަރު ވެސް ނުކުންނައިރު، މިދިޔަ އަހަރުގެ ފައިނަލުގައި ކުޑަހުވަދޫން މާއެނބޫދޫ ބަލިކުރީ، 6-2 އިންނެެވެ. މިދިޔަ އަހަރު ލީގު ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ދ. އަތޮޅުން ތިން ޓީމު ވާދަކުރާތީ ޒޯނަށް ކޮލިފައިވާނީ ޗެމްޕިއަން ޓީމެވެ. ދ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރޭ 9:30 ގަ އެވެ.












