މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ވަރުގަދަ ރޫހެއްގައި މަތިވެރިން ޕްރެކްޓިސް ފަށައިގެން ކުރިއަށްދަނިކޮށް، މުބާރާތް ފެށެން ދެ ދުވަހަށް ވެފައި އޮއްވައި، އެ ޓީމުގެ ކެޕްޓަން، އިސްމާއިލް ނަސީމް (ބޯވާ) އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވުމާ އެކު، މުބާރާތުގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. މަތިވެރިން އއ އަތޮޅު ތަށްޓާއި ޒޯން ހަތަރެއްގެ ތަށި ކާމިޔާބުކޮށް، ރާއްޖޭގެ އެންމެ ގަދަ އަށް ރަށުގެ ތެރޭގައި ހިމެނި ކުއާޓާ ފައިނަލުގައި ވާދަކުރި މުބާރާތުގައި ބޯވާ އިންނަން ޖެހުނީ އަނިޔާގެ ސަބަބުން ނުކުޅެ، ޓީމުގެ ކޯޗިން ސްޓާފުން ތެރޭގަ އެވެ.
ބުރަ މަސައްކަތުން ބޯވާ އެނބުރި ދަނޑަށް އައިސް، މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އއ. އަތޮޅުގެ ފައިނަލުގައި ތޮއްޑޫ އަތުން މަތިވެރިން ޕެނަލްޓީ ޖަހައިގެން މޮޅުވިއިރު، އެ މެޗުގެ ފަހު ޕެނަލްޓީ ގޯލަށް ވައްދާލީ ބޯވާ އެވެ.
"މިދިޔަ އަހަރު ބެންޗުގައި އިނދެގެން ހަަމަ ނަސީބަކުން ޓީމާ އެކުގައި، ހަމަ ހިތައް އެރި ޓީމާ އެކީ މި ރެސްޕޮންސިބިލިޓީ (ޒިންމާ) ނަގާނީއޭ. ކުރީ ފަހަރު (މީގެ ދެ އަހަރު ކުރިން) ސެމީ އަކުން ބަލިވީމަ ހަމަ އޭތި، ޓީމަށް ކޮންފިޑެންސް ދޭން ބޭނުންވީ މަ ވެސް އެބަހުރީމޭ، އެންމެ މުހިންމު ގަޑީގައި މަ ވެސް ކަން ކޮށްދޭނަމޭ. އެ ޔަގީންކަން ދޭން ބޭނުންވީ،" ފަހު ޕެނަލްޓީ ޖަހަން ދާން އެ ހިތްވަރު ނެރުނު ގޮތް ކިޔައިދެމުން، "އަދަދު ސްޕޯޓްސް" އަށް ބޯވާ ކިޔައިދިނެވެ.
ސީރިއަސް އަނިޔާ އަކުން ރިކަވާވެގެން އެނބުރި ދަނޑަށް އައިސް، ފިޒިކަލީ އަދި މެންޓަލީ ފިޓްވެގެން ކުޅުމަކީ ކުޑަ ކަމެއް ނޫނެވެ. އަނިޔާވުމުން އެ އޮންނަން ޖެހޭ ބަލި އެނދުން ހިތްވަރުކޮށްގެން ތެދުވެ، ރަނގަޅު ރިހެބިލިޓޭޝަނެއް ފުރިހަމަކޮށް، އަލުން ދަނޑަށް އަންނަން ކުރަން ޖެހޭ ދިގު ދަތުރުގައި އެކި ހިސާބުން ވަރަށް ގިނަ ބަޔެއްގެ އެއްބާރުލުން ލިބެންޖެހެ އެވެ.
ބޯވާ އަށް އެ އެއްބާރުލުން ލިބުނީ ވަރަށް ފުރިހަމަ އަށެވެ. ދިގު ލިސްޓެއް ކިޔަން ޖެހުނަސް، އޭނާގެ ހަނދާނުގައި ހުރި ގިނަ ނަންތަކެއް ހިއްސާކޮށްލި އެވެ. ޖުމްލަކޮށް އެންމެނަށް އަދާކުރީ ހިތުގެ އެންމެ ފުންމިނުން ޝުކުރެވެ.
"އަސްލު ވަރަށް ބޮޑު ކަމެއް (ބޮޑު އަނިޔާ އަކުން އެނބުރި އައުން) މިއީ، މިދިޔަ އަހަރުގެ މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން އިންޖަރީއެއްވީ. ވާހަކަ އަކީ އަންހެނުންނާއި މަންމަ އާއި ބައްޕަޔާ، އަންހެނުންގެ މަންމަ އާއި ބައްޕަޔާ ފެމިލީ ދެން ޕްލަސް، ދާއިރާގެ އެމްޕީ، އާތިފް، އިލްޔާސް، ދެން، އެންމެ ގާތް ރަހުމަތްތެރިޔާ ނިހާނު، ނައުފަލް ކޯޗު، ތޯރިގު، މުއީނާ، އަސްލު މި އެންމެން އަޅުގަނޑަށް މިކަން ކުރާށޭ ކިޔާފައި ދިން އެއްބާރުލުމުން ދަނޑަށް މި ނުކުމެވުނީ އަސްލު އެ ހުރިހާ އެންމެންނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ބޯވާ ބުންޏެވެ.
"ވަރަށް ވަރަށް ހިތްވަރުދިން، ހަމަ އަންހެނުން ވެސް ވަރަށް ގިނަ ކަންކަން ކޮށްދީގެން އެ ހިތްވަރު ދީގެން ނުކުމެވުނީ، އެ ހުރިހާ ފަރާތަކަށް މި ފުރުސަތުގައި ޝުކުރު ދަންނަވަން،"
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މަތިވެރިން މިހާތަނަށް ތިން ފަހަރު އަތޮޅު ތަށި ހޯދާފައިވެ އެވެ. އެއީ، 2022، 2024 އަދި 2025 ވަނަ އަހަރު އެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި، އއ އަތޮޅުގެ އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު ރަށަކީ ވެސް މަތިވެރި އެވެ. އެއީ، ގޯލްޑަން މިހާތަނަށް ބޭއްވި އަށް އަހަރު ތެރޭ، މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ވެސް ދަތުރުކުރި ހަމައެކަނި އއ. އަތޮޅު ޓީމަށް ވުމުގެ ޝަރަފް ހޯދައިގެންނެވެ.
ބޯވާ ބުނީ، މިއީ، އެ ރަށުގެ ފުޓްސަލް ސީނިއާ ކުޅުންތެރިންނާއި މެނޭޖްމަންޓުން، ޖެހިލުންވުމެއް ނެތި، ނެގި ރިސްކެއްގެ ނަތީޖާ ކަމަށެވެ. އެ ގޮތުން، ކޯޗު އައްސަދު އަބްދުލް ގަނީ އާއި މިދިޔަ ދެ އަހަރު އެ ޓީމާ ހަވާލުވެހުރި ކޯޗު ނައުފަލް މުހައްމަދުއާ އެކު، އަހަރުން އަހަރަށް ކުރަމުން އަންނަ ރަނގަޅު މަސައްކަތުން، ކުރި ބޮޑު އުންމީދެއް ހަގީގަތަކަށް ވަމުން އަންނަ މަންޒަރު ފެންނަ ކަމަށެެވެ.
"އަޅުގަނޑުމެން އޭރުގައި ތިބި މީހުން ވަރަށް ވަރުގަދަ ރިސްކެއް ނަގައިގެން ހަމަ ޅަ (ޒުވާން) ބެޗެއް. ގެނެސްގެން މި ކުރި މަސައްކަތުގައި އެންމެ ދެކެން ބޭނުންވި އެއް ދުވަސް އެއީ ފުޓްސަލް ކުޅުން ހުއްޓާލުމުގެ ކުރިން، މަތިވެރި އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމަށް ހެދުން، މާތްﷲ އިރާދަކުރެއްވިއްޔާ އެކަން ވެއްޖެ، މިހާރު މަތިވެރިއޭ ބުނީމަ މިހާރު އެންމެންނަށް ވެސް އެނގޭނެ ކިހާ ވަރެއްގެ ޓީމެއް ކަން. އެހެންވީމަ އެ ހިތްހަމަޖެހުން ވަރަށް ލިބޭ އަސްލު ޅަ ކުޅުންތެރިންތަކަކާ އެކު ސީނިއާ ކޮށް ހުރެވޭތީ،" ބޯވާ ބުންޏެެވެ.
"ވަރަށް އުފާވޭ ކުރި މަސައްކަތުގައި އައްސަދު ކޯޗު، ނައުފަލް ކޯޗު، މި އެންމެނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،"
މަތިވެރިން ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ. އެ ބުރުގައި މަތިވެރިން ކުޅެން ޖެހޭނީ، އއ. ޗެމްޕިއަން، މަތިވެރި، އއ. އަތޮޅު ރަނަރަޕް، ތޮއްޑޫގެ އިތުރުން، އދ. އަތޮޅު ޗެމްޕިއަނާއި ރަނަރަޕް އަދި ވ. އަތޮޅުގެ ޗެމްޕިއަނެވެ.












