ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި މާލޭގައި ހުންނަ ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމުތައް ބީއެމްއެލްގެ އެހީގައި ތަރައްގީ ކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ އެ ދެ ސްކޫލަށް ފޯރުކޮށްދިން އެހީތެރިކަމާ އެކު ކްލާސްތަކުގައި ކިޔަވަމުންދާ 200 އެއްހާ ދަރިވަރުންނަށް އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.
މުޖުތަމައަށް އެހީވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ބޭންކުން ވަނީ ސެން ކްލާސްތައް މަރާމާތު ކުރުމުގެ އިތުރުން ދަރިވަރުން އުނގެނުމަށް ބޭނުންވާ ތަކެތި ވެސް ފޯރުކޮށްދީފަ އެވެ.
"މި ކްލާސްރޫމްތަކަށް ހަދިޔާކުރެވެނު ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެއް،" ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ތަރައްގީކުރި ސެން ކްލާހެއް -- ފޮޓޯ: ބީއެމްއެލް
ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުގައި ހުރި 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ބީއެމްއެލްއިން ހަދިޔާ ކޮށްފައިވާއިރު، އިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ގާއިމުކުރަން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
މީގެ އިތުރުން ބީއެމްއެލްއިން ވަނީ އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮންޕިއުޓާ ލެބް ތަރައްގީކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.










