ގޯލްޑަން ފުޓްސަލް ޗެލެންޖަށް މި ފަހަރު ނ. ހޮޅުދޫ ޓީމު ތައްޔާރުވީ ވެވެން އޮތް އެންމެ ވަރުގަދަ އަށް ކަމަށާއި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ފައިނަލަށް ދެވުމަކީ ޓީމުު ރޫހު ރަނގަޅުވެގެން ހާސިލްކުރެވުނު ކަމެއް ކަމަށް އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އަބްދުލް ވަދޫދު ބުނެފި އެވެ.
ނ އަތޮޅުން މި ފަހަރު ތިން ޓީމު ކުޅޭއިރު، އެއް ވަނައިގައި އޮތް ހޮޅުދޫ އަށް ހަ ޕޮއިންޓް އަދި ދެ ވަނައިގައި އޮތް މިލަދޫ އާއި ތިން ވަނައިގައި އޮތް ވެލިދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ހޮޅުދޫން ފުރަތަަމަ މެޗުގައި ވަދޫދު ޖެހި ހަތަރު ގޯލުން 4-1 އިން ވެލިދޫ ބަލިކުރި އެވެ. ދެ ވަނަ މެޗު އެއްވަރުވާން ދަނިކޮށް ފަހު ވަގުތު ހޮޅުދޫ 3-2 އިން މޮޅުކޮށްދިން ގޯލު ވެސް ޖެހީ ވަދޫދު އެވެ.
"އަސްލު ވަރަށް ޓަފް ގްރޫޕެއް، ނ. އަކީ ފުޓްބޯޅައިގެ ވަރުގަދަ ޒޯނެއް. (ވާދަކުރަން) ދެ ޓީމު އިނީމަ ވަރުގަދަ ފައިޓެއް ދީގެން ފައިނަލާ ހަމައަށް މި ދެވެނީ، އަލްހަމްދުލިއްލާހި ހަަމަ. ވަރަށް އުފާވެއްޖެ، ދެ މެޗު ކާމިޔާބުކޮށްގެން ފައިނަލަށް ދެވުނީމަ،" މިލަދޫ ބަލިކުރި މެޗަށް ފަހު ވަދޫދު ބުންޏެވެ.
އޭނާ ބުނީ މަހެއްހާ ދުވަސް ކުރިން މި ފަހަރުގެ ގޯލްޑަން އަށް ތައްޔާރުވާން ހޮޅުދޫން ފަރިތަކުރުންތައް ފެށި ކަމަށެވެ.
"އެއް މަސް ދުވަސްކުރިން އަޅުގަނޑުމެން ޓީމު ކުޅޭ އެންމެން ކަހަލަ ގޮތަކަށް ޖޮއިން ވެގެން، ދެން ރިސޯޓްތަކުން، ކައިރި ރިސޯޓްތަކުގައި ތިބި ކުދިން މާލެއާ ހަމައިން ވަން މަންތު (އެއް މަސް) ރެޑީވެފައި ހޮޅުދޫ އެފްސީ މީނީ ވަރަށް ބޮޑަށް މި މުބާރާތަށް،" ވަދޫދު ބުންޏެވެ.
މި ފަހަރުގެ މުބާރާތުގައި ވަދޫދަކީ މި އަތޮޅަށް ބަލާއިރު އެންމެ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެކަމުގެ ކްރެޑިޓް މުޅި ޓީމަށް ދީފަ އެވެ.
"އަލްހަމްދުލިއްލާހި، ފޯމު ރަނގަޅު ހަމަ ޓީމުގެ، މުޅި ޓީމުގެ މަސައްކަތް، ވަރަށް ބައިވަރު ޕްރެކްޓިސްތަކެއް، ރަނގަޅު ކޯޗެއް (މިހުރީ) ރާއްޖޭގެ ލެވަލްގެ މުސްތަޓޭ ކޯޗާ އެކީ މަސައްކަތްކޮށްލައި، ވަރަށް ކޮންފިޑެންސާ އެކީގައި މި ތިބީ އެއްކޮށް،" ވަދޫދު ބުންޏެވެ.
ނ. އަތޮޅު ފައިނަލް ކުޅޭނީ މި މަހު 28 ވަނަ ދުވަހު އެވެ. ހޮޅުދޫއާ އެކު ފައިނަލުގައި ކުޅޭ ޓީމެއް އެނގޭނީ ހޮނިހިރު ދުވަހު މިލަދޫ އާއި ވެލިދޫ ކުޅޭ މެޗުންނެވެ.












