ރާއްޖެއަށް އެތެރެ ކުރިޔަ ނުދީ ހިފަހައްޓާފައި ހުރި ބިޑި އަނބުރަން ބޭނުންކުރާ ދުންފަތް ޝިޕްމެންޓުތައް ކަސްޓަމުން ދޫކޮށްލައިފި އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ކަސްޓަމުން ހިފަހައްޓާފައި ހުރީ ބިޑި އަނބުރަން ބޭނުންކުރާ ދުންފަތް ދެ ޝިޕްމެންޓާއި ބިޑި އަނބުރާ ކަރުދާސް ދެ ޝިޕްމެންޓެވެ. އޭގެ ތެރެއިން ކަސްޓަމުން ދޫކޮށްލާފައި ވަނީ އެމްބާ ލީފް އާއި ވޮނާބާ ދުންފަތް ޝިޕްމެންޓެވެ.
އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ކަސްޓަމްސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ޖަވާބެއް ނުދެއްވި އެވެ. ނަމަވެސް ކަސްޓަމްސްގެ އެހެން އޮފިޝަލެއް، ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް ބުނީ އެ ޝިޕްމެންޓުތައް ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލީ "މަތިން އަންގައިގެން" ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
ބިޑި އަނބުރާ ކަރުދާހާއި ދުންފަތް ޝިޕްމެންޓުތަކެއް ކަސްޓަމުން ހިފެހެއްޓީ ހެލްތު މިނިސްޓްރީން ފޮނުވި ސިޓީއަކާ ގުޅިގެން، އަމަލު ކުރަންވީ ވަކި ގޮތެއް ނޭނގިގެންނެވެ. އެ ޝިޕްމެންޓުތައް ހިފަހައްޓާފައި ހުރީ ހެލްތު މިނިސްޓްރީން ވަކި އެއްޗެއް ނާންގާތީ ކަމަށް މީގެ ކުރިން ކަސްޓަމްސްގެ އޮފިޝަލެއް ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިނެވެ.

"ހެލްތު މިނިސްޓްރީން ވަކި ގޮތެއް ނިންމައިދޭށޭ އެދިފައިވީ، މިއީ ރާއްޖޭގައި ވިއްކޭނެ އެއްޗެއްތޯ ނޫނީ ނޫންތޯ؟ އެކޮޅުން ގޮތެއް ނުނިންމާތީ ހިފަހައްޓާފައި ހުރީ،" މީގެ ކުރިން މި ނޫހަށް މައުލޫމާތު ދިން އޮފިޝަލް ބުންޏެވެ.
ހެލްތު މިނިސްޓްރީން ގޮތެއް ނުނިންމައިގެން ހިފަހައްޓާފައި ހުރި ދުންފަތް ޝިޕްމެންޓުތައް ކަސްޓަމުން ދޫކޮށްލީ އުސޫލަށް ބަދަލެއް ގެނެސްގެން ކަމެއް އަދި ނޭނގެ އެވެ. އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
ކަސްޓަމުން ހިފަހައްޓާފައި ހުރި ދުންފަތް ޝިޕްމެންޓުތައް ކަސްޓަމުން ދޫކޮށްލުމާއެކު ރާއްޖެއަށް އެންމެ ގިނައިން ދުންފަތް އެތެރެކޮށް ވިޔަފާރި ކުރާ، ރޫޓް ފިހާރަ ދޮރުމަތީގައި އަލުން މީހުން ވަނީ ކިއު ހަދައިފަ އެވެ.











