ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ހދ. އަތޮޅުގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް މަކުނުދޫ އާއި ކުމުންދޫން ހޯދައިފި އެވެ.
މަކުނުދޫން ވަނީ ރޭ ނޭކުރެންދޫ އަތުން 5-3 އިން މޮޅުވެ، ގްރޫޕްގެ ދެ ވަނަ ހޯދައިފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ފިނޭ އަތުން ހަނިމާދޫ ވަނީ 6-0 އިން މޮޅުވެފަ އެވެ. ނޭކުރެންދޫ ނުވަ ޕޮއިންޓް ހޯދިއިރު، މަކުނުދޫ ވަނީ އަށް ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި ނިންމާލި ހަނިމާދޫ އާއި ހަތަރެއްގައި އޮތް ނޮޅިވަރަންފަރަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ފިނޭ ފުލަށް ދިޔައީ ދެ ޕޮއިންޓާ އެކު އެވެ.
ކުމުންދޫ ވަނީ ރޭ ކުޅުނު މެޗުން ނައިވާދޫ އަތުން 4-2 އިން ބަލިވެފަ އެވެ. ނައިވާދޫ ވަނީ ކުޅުނު ހަތަރު މެޗުން މޮޅުވެ، 12 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ކުމުންދޫ އާއި ތިން ވަނައިގައި ނިންމި ވައިކަރަދޫ އަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ވައިކަރަދޫން ރޭ 7-4 އިން ނޮޅިވަރަން ބަލިކުރި ނަމަވެސް، ލަނޑުގެ ތަފާތުން ކުމުންދޫ އަށް ވުރެ ކުރި ނުލިބި ކެޓީ އެވެ.
ގްރޫޕްގެ ހަތަރު ވަނަ ލިބުނު ނޮޅިވަރަން އަށް ހޯދުނީ ތިން ޕޮއިންޓެވެ. އަދި މި ގްރޫޕްގެ ފުލުގައި ނިންމާލި ނެއްލައިދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ މެޗުގައި މަކުނުދޫގެ ގޯލުތައް ޖެހީ ނުހާދު ފައުޒީ ދެ ގޯލުގެ އިތުރުން، ޒިދާން އަހުމަދު އަދި ޝައިބާން އަހުމަދު އެވެ. ނޭކުރެންދޫގެ ގޯލުތައް ޖެހީ މުހައްމަދު ރާއިފް ފަޒީލް އާއި މުހައްމަދު އަބާން އިމްރާން އަދި އަލީ އިފާޒް އެވެ. ހަނިމާދޫގެ ގޯލުތައް ޖެހީ ޝިފާން ހަސަން (ޝިފާންޓެ) ދެ ގޯލުގެ އިތުރުން، މުހައްމަދު ހަސަން، އަހުމަދު މުޖުތަބާ، މުހައްމަދު ހާލިދު އަދި ހުސައިން ރަމީޒް އެވެ.
ނައިވާދޫން ކުމުންދޫ ކޮޅަށް ލަނޑުތައް ޖެހީ އަހުމަދު ހަމީދު (އައްމަޑޭ)، މުހައްމަދު ޝާއިން، ޔޫސުފް ޝާއިފް އަދި އަބްދުﷲ ވިޔާމް އެވެ. ކުމުންދޫ އަށް މުހިންމު ލަނޑުތައް ޖަހައިދިނީ، މުޝްރިފް މުހައްމަދު އާއި ފަހުމާން އަބްދުލް ހަމީދު އެވެ.
ރޭގެ މެޗުގައި، ވައިކަރަދޫގެ އަހުމަދު އަނީސް ހަތަރު ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ، އަހުމަދު ފައިސަލް، އިބްރާހީމް އަގީލް އަދި އަހްމަދުﷲ މުހައްމަދު ސަދާތު އެވެ. ނޮޅިވަރަންގެ ލަނޑުތައް ކާމިޔާބުކުރީ، އަމްދާން އަލީ (އެންޑީ)، މުހައްމަދު އިބްރާހިމް، އިޔާދު އަބްދުލް ރަޝީދު އަދި އަބްދުލް ރަހީމް އަބޫބަކުރު އެވެ.
ސެމީ ފައިނަލުގައި މަކުނުދޫން ކުޅޭނީ ނައިވާދޫއާ އެެވެ. ނޭކުރެންދޫން ބައްދަލުކުރާނީ ކުމުންދޫއާ އެެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:
20:00: ބ. ތުޅާދޫ - ބ. ފެހެންދޫ
21:00: ތ. ކިނބިދޫ - ތ. ދިޔަމިގިލި
21:00: ތ. ތިމަރަފުށި - ތ. އޮމަދޫ
22:00: ތ. ބުރުނި - ތ. ގާދިއްފުށި
22:00: ތ. ވޭމަންޑޫ - ތ. ކަނޑޫދޫ
23:00: ލ. މާބައިދޫ - މާވަށް
23:00: ލ. އިސްދޫ - ލ. މުންޑޫ












