މެދު އަދި ދުރު ރާސްތާ ތަރައްގީއަށް ވިސްނާއިރު ރާއްޖެ އުފެދިފައި އޮތް ގޮތް ގަބޫލު ކުރަންޖެހޭ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ހިދުމަތް ދިނުމަށް އާބާދީ އާއި ތަރައްގީ އެއްފަސް ކުރުން ނޫން ގޮތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރ. އުނގޫފާރަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެންމެ ކުޑަ ރަށުގައި ވެސް މީހުން ތިބިހާ ދުވަހަކު އެ ރަށެއްގެ ނިސްބަތުން އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ގާއިމު ކުރެވިފައި ހުންނަން ޖެހޭ ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މެދު އަދި ދުރު ރާސްތާގެ ތަރައްގީއަށް ވިސްނާއިރު، ރާއްޖެ އުފެދިފައި އޮތް ގޮތް ގަބޫލު ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނަމަވެސް މެދު އަދި ދުރު ރާސްތާ ވިސްނުމެއްގައި ސަރަހައްދީ ތަރައްގީ، އާބާދީ އާއި ތަރައްގީ އެއްފަސްވުން އެއީ ރާޢްޖެއަށް އޮތް ހަމައެކަނި ހައްލު، އެ ނޫން ހައްލެއް ނެތް، އެހެންވީމަ އަޅުގަނޑުމެން އެކަން ކުރަންޖެހެނީ މިއީ އިންވެސްޓްމެންޓެއް، މިއީކީ ބޭކާރު ހަރަދެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ކުޑަ ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވަނީ އެ ވިސްނުމުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުދި ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން ވެސް ކޮށްދެއްވާނެ ކަމަށެވެ. އަދި ކުދި ރަށްރަށުގެ ރައްޔިތުންނަށް ވެސް ބޮޑެތި ރަށްރަށުގެ ރައްޔިތުންނެކޭ އެއް ހަމައެއްގައި ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް ދުރު ރާސްތާ ވިސްނުމުގައި ވަކި ސަރަހައްދުތަކެއް ތަރައްގީ ކުރުމުގެ ވިސްނުން ގެންގުޅެންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އާބަން ސެންޓަރުތަކުގެ ގޮތުގައި ރާއްޖޭގެ ހަތް ރަށެއް ތަރައްގީ ކުރަން ނިންމަވައި އެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ދުރު ރާސްތާ ޕްލޭނުގެ ދަށުން ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި ދުރު ރާސްތާއަށް ވިސްނާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ހިދުމަތެއް ދެވޭނީ ރާއްޖޭގެ ޖިއޮގްރަފިކަލް ރިއަލިޓީ ވެސް ގަބޫލުކޮށް އަދި އެކިއެކި ހަގީގަތްތައް ގަބޫލު ކުރާ ހިނދު ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ބައެއް ސަރަހައްދުތައް ތަރައްގީ ކޮށްގެން އަދި ބައެއް ރަށްތައް އެންމެ މަތީ ފެންވަރުގައި ހިދުމަތް ދެވޭ ތަންތަން ގޮތުގައި ތަރައްގީ ކޮށްގެންކަން،" ރައީސް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު އިއުލާނުކޮށް، އަދި އަޅުގަނޑު ގަބޫލު ކުރާ ގޮތް، އަދި ސަރުކާރުގެ ސިޔާސަތު،" އެމަނިކުފާނު ވިދާޅުވި އެވެ.













